21 ޖެނުއަރީ 2019 - 07:32

އަންހެން ޑައިރެކްޓަރުން މަދު ބޮލީވުޑަށް، އައު ޑައިރެކްޓަރަކު ނުކުންނަން ތައްޔާރުވެއްޖެ އެވެ. މިއީ "ރޭސް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ އަންހެން ދަރިފުޅު ސްނޭހާ ތައުރާނީ އެވެ.

އޭނާގެ އަލަތު ފިލްމުގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވަމުން ދިޔަ ނަމަވެސް، ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.
ނަމަވެސް މީގެ ލީޑް ތަރިން ވަނީ ހަމަޖައްސައިފަ އެވެ. އެއީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި މީގެ ކުރިން އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ފިލްމުތަކެއް ކުޅެފައިވާ ރުކްޝާރު ދިލަން އެވެ.
ސަނީ ވެސް ވަނީ މީގެ ކުރިން ބައެއް ފިލްމުތައް ކުޅެފަ އެވެ. މިދިޔަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ ކާމިޔާބު ފިލްމު "ގޯލްޑް" ގައި އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ އިރު، 2016 ގައި ރިލީޒް ކުރި "ސަންޝައިން މިއުޒިކް ޓުއާޒް އެންޑް ޓްރެވެލްސް" ގައި ވެސް ސަނީ މަސައްކަތްކޮށްފައިވެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސްނޭހާގެ ފިލްމަކީ ބަންގްރާ މިއިޒުކްގެ ތީމަކަށް ހަދާ ފިލްމެކެވެ. އަދި މީގެ މިއުޒިކް ހަވާލުކޮށްފައި ވަނީ ޖޭމް8އާ އެވެ.
ބޮލީވުޑްގެ އަންހެން ޑައިރެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މީސްމީހުންނަކީ މެގްނާ ގުލްޒާރު، ފަރާ ހާން، ޒޯޔާ އަހްތަރު، ގޯރީ ޝިންޑޭ އަދި ރީމާ ކަތުގީ އެވެ. ބަތަލާ ކަންގަނާ ރަނާވަތު ވެސް މިހާރު ވަނީ ޑައިރެކްޝަނަށް މިސްރާބު ޖަހައިފަ އެވެ.
އޭނާގެ އަލަތު ޑައިރެކްޝަން "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އަންނަ ހުކުރު ދުވަހު ސިނަމާތަކަށް އަންނާނެ އެވެ.