ހާއްސަ މެޗުގެ އެހީ ލޯފަން މީހުންގެ ޖަމިއްޔާ އަށް ހަދިޔާކޮށްފި
ހާއްސަ މެޗުގެ އެހީ ލޯފަން މީހުންގެ ޖަމިއްޔާ އަށް ހަދިޔާކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ރަސްމީކޮށް ކުޅުން ހުއްޓާލުމުގެ ގޮތުން ދާދި ފަހުން ކުޅުނު ހާއްސަ ފުޓްބޯޅަ މެޗުން ލިބުނު ފައިސާ އިން ބަޔެއް ލޯފަން މީހުންގެ ޖަމިއްޔާ އަށް ހަދިޔާކޮށްފި އެވެ.

އެފްއޭއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޑް އޮފް މޯލްޑިވްސް" އަށް ހަދިޔާކުރީ ޓިކެޓް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން 22،475ރ. އެވެ.

އިމްރާން ބުނީ އޭނާގެ ކެރިއަރުގެ މުހިއްމު ކަމެއްގެ ނިމުން ފާހަގަކުރި މެޗުން ލިބުނު މާލީ ފައިދާ އިން ބަޔެއް، އެހީ ބޭނުންވެފައި ތިބި ބަޔަކަށް ހަދިޔާކުރެވުނީތީ ވަރަށް އުފާވާ ކަމަށެވެ.

"ހީކުރި ވަރަށް ވުރެ މަދުން ދަނޑަށް މީހުން ވަނީ. އެކަމަކު ވަގުތާއި ހާލަތާ ބަލާއިރު ހިތްހަމަޖެހޭ އަދަދެއް ލިބުނު. އޭގެ ތެރެއިން ބަޔެއް މި ހަދިޔާކުރީ، އެހީއަކަށް ވަރަށް ބޭނުންވެފައި ތިބި ބަޔަކަށް. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އިމްރާން ބުންޏެވެ.

ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގައި ވާދަކުރީ އިމްރާނުގެ ޓީމާއި އެފްއޭއެމްގެ ޓީމެވެ. އިމްރާނާ އެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ޓީމުން، މިހާރުގެ ވަރަށް ގިނަ ކުޅުންތެރިން ހިމެނުުނު އެފްއޭއެމް ޓީމު ބަލިކުރީ 4-3 އިންނެވެ. އެ މެޗުގައި އެފްއޭއެމްގެ ޓީމަށް ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ކުޅުނެވެ. އަދި ހާއްސަ މެހެމާނެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް ބައިވެރިވި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުގެރޭ ކުޅުނު އެ މެޗުން އިމްރާން ގައުމީ ޓީމަށް އަލްވަދާއު ކީ ނަމަވެސް އޭނާ ވަނީ 2016 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓަލައިފަ އެވެ. ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާކުރީ 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.

އދ. މަހިބަދޫ އަށް އުފަން އިމްރާނަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ ވަނީ ހަތް ސާފު ޗެމްޕިއަންޝިޕެއްގައި ކުޅެފަ އެވެ. އެއާ އެކު، އޭނާ ވެފައި ވަނީ ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މެޗު ކުޅުނު އެއް ކުޅުންތެރިޔާ އަށެވެ.