ސްވައިން ފްލޫ ޖެހިގެން އިންޑިއާ އިން 40 މީހުން މަރުވެއްޖެ
ސްވައިން ފްލޫ ޖެހިގެން އިންޑިއާ އިން 40 މީހުން މަރުވެއްޖެ

ރާޖަސްތާން (ޖެނުއަރީ 19) - މި އަހަރު ފެށުނު ފަހުން، ސްވައިން ފްލޫ ރޯގާގައި، އިންޑިއާގެ ހުޅަނގުގެ ރާޖަސްތާން ސްޓޭޓުން އެކަނި ވެސް 40 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ގައިން ގަޔަށް އަރާ އެޗް1އެން1 ވައިރަސް އަށް ރާޖަސްތާން އިން ވަނީ ހާހަކަށް ވުރެ ގިނަ މީހުން މި އަހަރު ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި އިންޑިއާ އިން މިދިޔަ އަހަރު ވަނީ 1،100 މީހުން މަރުވެފަ އެވެ. އަދި 15،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެ އެވެ.

ރާޖަސްތާނުގައި ސްވައިން ފްލޫ އެންމެ ގިނައިން ފެންނަނީ ޖޮދްޕޫރު ޑިސްޓްރިކްޓުންނެވެ. އެ އަވަށުން ވަނީ 16 މީހުން މަރުވެފަ އެވެ.

ސްވައިން ފްލޫ އަށް ޝައްކު ކުރެވޭ ދެ މީހަކު މި އަހަރު ވަނީ ވެރިރަށް ނިއު ދިއްލީން ވެސް މަރުވެފަ އެވެ. ސްވައިން ފްލޫ ޖެހިގެން ޖެނުއަރީ 13 އާ ހަމައަށް ދިއްލީން 168 މީހުން ރިޕޯޓްކޮށްފައިވާ ކަމަށް ނޭޝަނަލް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (އެންސީޑީސީ) އިން ބުންޏެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަދި ވެރިކަން ކުރާ ބީޖޭޕީގެ ރައީސް އަމިތު ޝާހަށް ވެސް ސްވައިން ފްލޫ ޖެހިގެން މި ހަފުތާގައި ވަނީ އެޑްމިޓްކޮށްފަ އެވެ.

ސްވައިން ފްލޫ ޖެހޭ މިންވަރު އިތުރު ވަނީ ވިންޓާގެ ދުވަސްވަރު ކަމަށްވާ ޑިސެމްބަރާއި ޖެނުއަރީއާ ދެމެދު އެވެ. ރޯގާ ބޮޑަށް ފެތުރެނީ އިންޑިއާގެ ހުޅަނގާއި އުތުރުގެ ހިސާބުތަކުގަ އެވެ.