19 ޖެނުއަރީ 2019 - 15:58

ވޮޝިންޓަން (ޖެނުއަރީ 19) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ދެ ވަނަ ސަމިޓް އަންނަ މަހު ފަހުކޮޅު ބާއްވަން ތައްޔާރުވަމުންދާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ވައިޓް ހައުސް އިން މި ސަމިޓް އިއުލާންކޮށްފައި ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ އެންމެ އަރިސް ބޭފުޅާގެ ގޮތުގައި ބެލެވޭ ކިމް ޔޮން-ޗޮލް އާއި ޓްރަމްޕް ވޮޝިންޓަނުގައި ބޭއްވި ބައްދަލުވުމަށް ފަހު އެވެ. ނޯތު ކޮރެއާގެ މަންދޫބު ވަނީ ކިމް ޖޮން-އުންގެ ސިޓީއެއް ޓްރަމްޕަށް ރައްދުކޮށްދެއްވައިފަ އެވެ.
ޓްރަމްޕާއި ކިމްގެ ތާރީޚީ ސަމިޓް މިދިޔަ ޖޫން މަހު ބޭއްވީ ސިންގަޕޫރުގަ އެވެ. ދެ ވަނަ ސަމިޓް ބާއްވާނެ ތަނެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އަަޑު ފެތުރޭ ގޮތުގައި އެ ސަމިޓް ވިއެޓްނާމުގައި ބޭއްވުން އެކަށީގެންވެ އެވެ.
ސިންގަޕޫރު ސަމިޓުގައި އެއްބަސްވި ގޮތަށް ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދިޔައީ ލަސް ސްޕީޑުގަ އެވެ. ނަމަވެސް ސަމިޓަށް ފަހު ނޯތު ކޮރެއާ އިން އެއްވެސް ނިއުކްލިއާ ޓެސްޓެއް ކޮށްފައެއް ނުވެ އެވެ. އަދި ނިއުކްލިއާ ޓެސްޓް ކުރާ ސައިޓްތައް ނައްތާލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ފަހަކަށް އައިސް ނޯތު ކޮރެއާ އާއި ޗައިނާގެ ގުޅުން ވެސް ވަނީ ރަނގަޅުވެފަ އެވެ. ކިމް ވަނީ ޗައިނާ އަށް ގިނަގިނައިން ވަޑައިގެން ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައިފަ އެވެ.