20 ޖެނުއަރީ 2019 - 07:16

ތިޔަ ފެންނަނީ ދުނިޔޭގެ އެންމެ ބޮޑު މިޔަރާ އެކު ފުންކަނޑުގެ ތެރޭގައި، މަޝްހޫރު އަންހެން ފޮޓޯގްރާފަރު ކިމްބަލީ ޖެފްރީޒް ކުރި ހިތްގައިމު ތަޖުރިބާ އެވެ. "ޑީޕް ބްލޫ" ގެ ނަން ދީފައިވާ މި ބިޔަ މިޔަރުގެ އުމުރުން 50 އަހަރު ވެއްޖެ އެވެ. އޭގެ ދިގު މިނުގައި ހަ މީޓަރު ހުންނަ އިރު، ބަރުދަނުގައި 2.5 ޓަނު ހުންނަ ކަމަށް އަންދާޒާ ކުރެވިފައިވެ އެވެ.
ނިއުސް ބީޓަށް ކިމްބަލީ ކިޔައިދިން ގޮތުގައި "ޑީޕް ބްލޫ" އާ އެކު ހޭދަންކުރަން ލިބުނު ވަގުތުކޮޅަކީ ކޮންމެ ކޮންމެ ދުވަހަކު ލިބޭނެ ފުރުސަތެއް ނޫނެވެ. އޭނާއަކީ މިހާތަނަށް މި ބިޔަ މިޔަރު އެންމެ ގާތުން ތަޖުރިބާކޮށްލަން ލިބުނު މަދު މީހުންގެ ތެރެއިން އެކެކެވެ.
"ވަރަށް ޖެހިލުންވި ވަގުތުކޮޅެއް އެއީ. އެކަމަކު އަހަރެން ހީކުރި ވަރަށް ވުރެ ޑީޕް ބްލޫ އޯގާތެރި. އެއްވެސް ނުރައްލަަކާ ކުރިމަތިލާކަށް ނުޖެހޭ،" ހަވާއީގައި ކުރި ތަޖުރިބާއާ ބެހޭ ގޮތުން ކިމްބަލީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެންމެ ބޮޑު މިޔަރާ ބައްދަލުވި އިރު، ކުރިން ހިޔާލު ކުރެވިފައި އޮތް ވަރަށް ވުރެ ވެސް "ޑީޕް ބުލޫ" ބިޔަ އެވެ.
"ފެންނަ ފެނުމަށް ލަފާ ކުރެވެނީ އޭތި އިނީ ބަލިވެ ކަމަށް،" އޭނާ ބުންޏެވެ.
ކިމްބަލީ އާއި އޭނާގެ އެކުވެރިޔާ އެންޑްރޫ ވަނީ "ޑީޕް ބްލޫ" އާ އެކު ފޮޓޯ އާއި ވީޑިއޯ ނަގައި އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.