19 ޖެނުއަރީ 2019 - 10:31

މާރުކޭޓް ސަރަހައްދުގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓު ހިނގީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުން ޖެހިގެންނެވެ. ބާރު ސްޕީޑުގައި ދުއްވި ކަމަށް ބެލެވޭ ސައިކަލްގައި އިނީ އަނިޔާވި ކުއްޖާ އެކަންޏެވެ.
އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
"ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ،" ފުލުހުން ބުންޏެވެ.
ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ އަނިޔާގެ ތަފްސީލެއް ނުލިބުނެވެ.
މުދަލާ އެކު ޕާކްކޮށްފައި އޮތް ބޮޑު ޕިކަޕުގައި ޖެހުނު އެއާބްލޭޑް ސައިކަލްގެ ހުންގާނު ވަނީ ފުނޑުފުނޑުވެފަ އެވެ.
މިދިޔަ ހަފްތާގައި ވެސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. އެ އެކްސިޑެންޓުގައި ޒުވާނަކަށް އަނިޔާވީ އިންޑަސްޓްރިއަލް ޒޯންގައި ޕާކްކޮށްފައި އޮތް ޓެކްސީއެއްގައި ސައިކަލަކުން ޖެހިގެނެވެ.