20 ޖެނުއަރީ 2019 - 07:20

އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފަކީ އެކުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަގުބޫލު ސްކްރީން ޖޯޑެކެވެ. މި ދެ ތަރިން އެންމެ ފަހުން އެކުގައި ކުޅުނީ 2010 ގައި ފަރާ ހާން ގެނެސް ދިން "ތީސް މާރް ހާން" އެވެ.
އޭގެ ފަހުން ފިލްމަކުން ދެ ތަރިން އެކީގައި ފެނިފައި ނުވިސް އަލުން މި ޖޯޑު ސްކްރީނުން ފެނިދާނެ ކަމުގެ އިޝާރާތެއް ލިބިފައި ވަނިކޮށް އެކަން މިހާރު ފެނަށްވެއްޖެ އެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޯހިތު ޝެޓީ، އަކްޝޭއާ އެކު ހަދަން ނިންމާފައިވާ ފިލްމު "ސޫރިޔާވަންޝީ" ގެ ބަތަލާގެ ރޯލް ވަނީ ކެޓްރީނާ ކެއިފަށް ހުށަޅައިފަ އެވެ.
އެކަމަކު ކުރިން އަޑު އަރާފައިވާ ގޮތުން އެ ފިލްމުގެ ބަތަލާގެ ރޯލް ދީފައި ވަނީ މި އަހަރު ރިލީޒް ކުރާ "ހައުސްފުލް 4" ގައި އަކްޝޭއާ އެކު ފެނިގެންދާ ޕޫޖާ ހެގްޅޭއަށެވެ.
"ސޫރިޔާވަންޝީ" ބަތަލާގެ ރޯލް ކެޓްރީނާ އަށް ދިން ކަމަށް ބުނި ނަމަވެސް، ރޯހިތު ވަނީ އެކަން ދޮގުކޮށްފަ އެވެ.
ފިލްމުފެއާ އަށް އަށް އޭނާ ބުނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި މި ވަގުތު ބަތަލާއަކާ ދޭތެރޭ އަދި ނުވެސް ވިސްނާ ކަމަަށެވެ. ރޯހިތު ބުނި ގޮތުގައި "ސޫރިޔާވަންޝީ" އަދި ސްކްރިޕްޓިން މަރުހަލާގައި ކަމަށްވާތީ، ފިލްމުގެ ކާސްޓާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަހެވެ. އެކަމަކު ޔަގީންވާ ކަމަކީ ފުލުހެއްގެ ވާހަކަ ކިޔައިދޭ ފިލްމުން އަކްޝޭ ފެންނާނެ ކަމެވެ.
މި ފިލްމުން އޭނާއާ އެކު ކެޓްރީނާ ފެންނަ ގޮތްވެއްޖެ ޔަގީނުން ވެސް ދެ ތަރިންގެ ފޭނުން މިކަމާ ވަރަށް އުފާވާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ސޫރިޔާވަންޝީ" މި އަހަރުގެ ޑިސެމްބަރުގައި ސިނަމާތަކަށް އަންނާނެ އެވެ.
އަކްޝޭ އާއި ކެޓްރީނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ހަމް ކޯ ދީވާނާ ކަރްގަޔޭ (2006)، ވެލްކަމް (2007)، ނަމަސްތޭ ލަންޑަން (2007)، ސިންގް އިޒް ކިންގް (2008) އަދި ބްލޫ (2009) ހިމެނެ އެވެ.