22 އޯގަސްޓް 2016 - 14:06

ސިންސިނާޓީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 22) - މަޝްހޫރު ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން ގެނެސް ކްރޮއޭޝިއާގެ މަރިން ސިލިޗް ސިންސިނާޓީ މާސްޓާސް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފި އެވެ.
ދުނިޔޭގެ ދެ ވަނައިގައި އޮތް މަރޭ ވަނީ ބަލިނުވެ 22 މެޗު ހަމަކޮށްފަ އެވެ. މިއީ އުމުރުން 29 އަހަރުގެ މަރޭ ޓެނިސް ކެރިއަރުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރި ފަހަރެވެ. އޭނާ ވަނީ މިދިޔަ ހަފްތާގައި އޮލިމްޕިކްސް ރަން މެޑަލް ދިފާއުކޮށްފަ އެވެ.
އެއް ގަޑިއިރާއި 34 މިނިޓް ވަންދެން ކުރިއަށްދިޔަ ފައިނަލު މެޗުގައި މަރޭއާ ވާދަކޮށް ސިލިޗް ސެޓުތައް ގެންދިޔައީ 6-4 7-5 އިންނެވެ.
ސިންސިނާޓީ މާސްޓާސް ސެމީ ފައިނަލުގައި މިލޮސް ރައޮނިކް އަތުން މަރޭ މޮޅުވި މެޗަކީ މި އަހަރު އޭނާ ހޯދި 50 ވަނަ މޮޅެވެ. މަރޭ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސިންސިނާޓީ މާސްޓާސް ކާމިޔާބުކޮށްފަ އެވެ. އެއީ 2008 ވަނަ އަހަރާއި 2011 ވަނަ އަހަރެވެ.
"މި އަހަރެން ވަރަށް ފަހުރުވެރިވާ ހަފްތާއެއް. އަހަރެން ބޭނުންވި ގޮތަކަށް ނޫން ފައިނަލުގައި މިވީ. އެކަމަކު މުބާރާތަށް އައިއިރު އަހަރެންގެ އެންމެ ބޮޑު ޓާގެޓަކީ ފައިނަލުގައި ވާދަކުރުން އެކަން ހާސިލްވެއްޖެ،" އިއްޔެގެ ފައިނަލަށް ފަހު މަރޭ ބުންޏެވެ.
އިއްޔެގެ މެޗުގެ ކުރިން މަރޭ އެންމެ ފަހުން ބަލިވެފައިވަނީ ފްރެންޗް އޯޕަން ފައިނަލުގައި މިދިޔަ ޖޫން މަހު ދުނިޔޭގެ އެއް ވަނަ ނޮވަކް ޖޮކޮވިޗް އަތުންނެވެ. ސިންސިނާޓީ ފައިނަލަކީ މަރޭ އަތުން ފާއިތުވި 14 މެޗުގެ ތެރެއިން ތިން ވަނަ މޮޅެވެ.