18 ޖެނުއަރީ 2019 - 18:06

ވޯލްޑް ބޭންކް ސައުތު އޭޝިއާ ރީޖަންގެ ނައިބު ރައީސް ހާޓްވިގް ޝެފާ ރާއްޖެ ވަޑައިގެންފި އެވެ.
މިއީ އޭނާ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ހަތަރު ދުވަހުގެ މި ދަތުރުގައި މި ސަރުކާރުގެ އިސްވެރިންނާއި އަމިއްލަ ކުންފުނިތަކާއި ސިވިލް ސޮސައިޓީ ތަމްސީލް ކުރާ ފަރާތްތަކ ބައްދަލު ކުރައްވާނެ އެވެ.
ރާއްޖެ ވަޑައިގަތުމުގެ ކުރިން ޝެފާ ވިދާޅުވީ، ރާއްޖެ އަކީ ތަރައްގީ ހާސިލް ކުރުމުގައި ކާމިޔާބު ގައުމެއް ކަމަށެވެ.
އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުން ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ބަދަލުވެ، އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު 10000 ޑޮލަރަށް ވުރެ މައްޗަށް މިހާރު އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ލިޔަންކިޔަން އެނގޭ މީހުންގެ ނިސްބަތް 100 ޕަސެންޓާ ގާތްކުރާ އިރު މިއީ ދުނިޔޭގެ ތަރައްގީ ހާސިލް ކުރުމުގައި "ސަކްސެސް ސްޓޯރީ" އެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
ރާއްޖެ، ވޯލްޑް ބޭންކާ އެކު މަސައްކަތް ކުރާތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ކުރިއަށް އޮތްތަނުގައި ވެސް ވޯލްޑް ބޭންކުން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިމާވެށި ރައްކާތެރި ކުރުމުގައި އެހީތެރިވުމުގެ އިތުރަށް އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ބިލްޑިންގައި ވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން މިދިޔަ ދުވަސްތަކުގައި އަހަރުގައި ބޮޑެތި އެހީތަކެއް ރާއްޖެއަށް ދީފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު 12 މިލިއަން ޑޮލަރުގެ އެހީއަށް ރާއްޖެއަށްދީފައިވާ އިރު އޭގެ ތެރެއިން ހަ މިލިއަނަކީ ހިލޭ އެހީ އެވެ. ވޯލްޑް ބޭންކުން ދަނީ ރާއްޖޭގެ މާލީ ނިޒާމުގެ އޮނިގަނޑު ރަނގަޅު ކުރުމާއި ޕަބްލިކް ފައިނޭންސް އިސްލާހު ކުރުމާއި ދަރަނި މެނޭޖް ކުރުމަށާއި ފިސްކަލް ރިޕޯޓިން ނިޒާމު ރަނގަޅު ކުރުމަށް އަދި ތަފާސްހިސާބުގެ މަސައްކަތް ހަރުދަނާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.