އެމްއެންޔޫގެ ކޯސްތަކާ ގުޅޭ ހާއްސަ އޯޕަންޑޭ އެއް މާދަމާ ބާއްވަނީ
އެމްއެންޔޫގެ ކޯސްތަކާ ގުޅޭ ހާއްސަ އޯޕަންޑޭ އެއް މާދަމާ ބާއްވަނީ

މިިދިޔަ އަހަރު އޯ ލެވެލް ނިންމި ދަރިވަރުންނަށް ހާއްސަ ކޮށްގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މާދަމާ އޯޕަންޑޭ އެއް ބާއްވަން ނިންމައިފި އެވެ.

އެ ޔުނިވާސިޓީގެ މައި މަރުކަޒުގައި ހުރިހާ ފެކަލްޓީ އަކާއި ސެންޓަރެއް ބައިވެރިވެގެން ބާއްވާ "ވަން ސްޓޮޕް އެޑްމިޝަން" އޮންނާނީ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 އަށެވެ.

އެމްއެންޔޫން ބުނީ، އޯ ލެވެލް އަދި އެހެނިހެން ނަތީޖާތަކަށް ބެލުމަށް ފަހު ޝަރުތުހަމަވާ ކަމުގައިވާ ނަމަ ޖާގަ ހުރި މިންވަރަކުން ކޯހުން ފުުރުސަތު ދޭނެ ކަމަށެވެ. ކޯހަށް ވަނުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް އެޓެސްޓު ކޮށްދިނުމުގެ ހިދުމަތް ވެސް އެ ހަރަކާތުގައި ދޭނެ އެވެ.

"އެ ދަރިވަރަކު ބޭނުންވާ ކޯހުގައި ޖާގަ ހުރިި ނަމަ އެ ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދެވޭނެ. އެހެންވެ އިވެންޓަށް އަންނައިރު ނަތީޖާ ކަރުދާހާއި އައިޑީކާޑު ގެނައުން ވަރަށް މުހިއްމު،" އެމްއެންޔޫގެ އޮފިޝަލަކު ވިދާޅުވި އެވެ

އޯ ލެވެލަށް ފަހު، ކުރިއަށް ދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ދަރިވަރުންނަށް ހާއްސަ ކޮށްގެން ކެރިއަ ގައިޑެންސް ވެސް ދޭނެ ކަމަށާއި ތަފާތު އެކި ދާއިރާތަކުން މަތީ ތައުލީމް ފޯރުކޮށްދިނުމަށް 250 ލެކްޗަރާއިން މަސައްކަތް ކުރާ އެމްއެންޔޫން ބުންޏެވެ.

ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް އެމްއެންޔޫގައި އަންނަނީ ކިޔަވައިދެމުންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް، ޖާނަލިޒަމް، ބިޒްނަސް، ނާސިން، ސައިކޮލޮޖީ، ޝަރީއާ އަދި މެޑިސިން ފަދަ ދާއިރާތައް ހިމެނެ އެވެ.