18 ޖެނުއަރީ 2019 - 14:29

އެފްއޭއެމްގެ ޔޫތު ފުޓްބޯޅަ ޗެމްޕިއަންޝިޕް އަށް ވަނަ އަހަރަކާ ކުރިމަތިލާއިރު، މި މުބާރާތް ފާހަގަކުރެވެނީ އެ އެސޯސިއޭޝަނުން މިހާތަނަށް ފެށި އެންމެ ކާމިޔާބު އެއް މުބާރާތުގެ ގޮތުގަ އެވެ. މިހާތަނަށް ފެނުނު މަންޒަރުތަކަށް ބަލާއިރު ޔޫތު ޗެމްޕިއަންޝިޕަކީ އެކި ގޮތްގޮތުން ބަލާއިރު ދިވެހި ފުޓްބޯޅަ އަށް ފައިދާތަކެއް ކޮށްފައިވާ މުބާރާތެކެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެވްރެޖް އުމުރަކީ 23.7 އެވެ. މިހާރުގެ ސީނިއާ ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކީ ޔޫތު ޗެމްޕިއަންޝިޕުގައި ތަފާތު ދައްކައި މަތީ ހަރުފަތުގައި ފައިތިލަ ސާބިތުކުރި ކުޅުންތެރިންނެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި ވެސް ޔޫތު ޗެމްޕިއަންޝިޕުން ފަށައިގަތް ކުޅުންތެރިން ގިނަ އެވެ.
ޔޫތު މުބާރާތުން ވިދާލި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިން އެބަތިއްބެވެ. އަމްދާން އަލީ (އެންޑީ) އާއި އަހުމަދު އިމާޒް (އާއްކޮ) އަދި މުހައްމަދު އިރުފާން (އިރޭ) ހިމެނެ އެވެ. އަދި އަންސަރު އިބްރާހީމް (އަންކޮ) އާއި އިބްރާހިމް މުބީން (މުއްކި) އާއި ހަސަން ރާއިފް (ހަންނަ) އާއި ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) އަދި އަހުމަދު ރިޒުވާން (ރިޒޭ) ފަދަ ކުޅުންތެރިންނަކީ ވެސް އެ މުބާރާތުގެ އުފެއްދުމެވެ.
އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މި މުބާރާތް ކުރިއަށްގެންގޮސްގެން ގިނަ ކަންތައްތަކެއް ހާސިލްވެފައިވާތީ މިދިޔަ އަހަރު މި މުބާރާތް 19 އަހަރުން ދަށަށް ބަދަލުކުރީ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެކަމަކު އަލުން 21 އަހަރުން ދަށަށް މި މުބާރާތް ބަދަލުކުރީ އާ ވިސްނުމެއްގައި ކުރިއަށް ދިއުމަށެވެ. އެއީ އެއް އަހަރު 21 އަހަރުން ދަށަށް، އަނެއް އަހަރު 19 އަހަރުން ދަށަށް ބާއްވާށެވެ. އޭރުން މި އަހަރު ވާދަކުރި ކުޅުންތެރިން އިތުރު ހަރުފަތަކަށް އަރައި އަންނަ އަހަރު ކުޅެން އާ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބިގެންދާނެތީ އެވެ.
މީގެ ކުރިން ޔޫތު ޗެމްޕިއަންޝިޕް ބާއްވަން ޝެޑިއުލްކުރާ ތާރީހުތަކާ މެދު އެކި ކްލަބްތަކުގެ ހިތްހަމަ ނުޖެހުން ހުއްޓެވެ. އެއީ މި މުބާރާތް ތާވަލްކުރާ ދުވަސްވަރުގެ ގޮތުން ބޭނުންވާ މަގުސަދު ހާސިލްނުކުރެވޭތީ އެވެ. އޭރު ވެސް އެންމެ ގިނަ ބަޔެއް ބޭނުންވި ގޮތަކީ މި މުބާރާތް އަހަރުގެ ކުރީކޮޅުގައި ބޭއްވުމެވެ. އެއީ އަހަރު ފަށާއިރު ޒުވާން ކުޅުންތެރިންތަކެއް ތައާރަފްވެ، ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން މި ކުޅުންތެރިންނަށް މުޅި އަހަރު ދުވަހު ރަނގަޅު މެޗުތަކެއް ލިބޭނެގޮތް ހެދުމަށެވެ.
މި އަހަރުގެ މުބާރާތް އަހަރުގެ ކުރީކޮޅަށް ތާވަލްކުރުމުން ގިނަ ޓީމުތަކުން އެކަމަށް މަރުހަބާ ކިޔެވެ.
"ޔޫތު ޗެމްޕިއަންޝިޕުން ސީޒަން ފެށުމަކީ ކުރިން ވެސް ގެންގުޅުނު ހިޔާލެއް. އެކަމަކު އޭގެ އަށް އަމަލީ ސިފައެއް ނުގެނެވި އޮތީ. ހަގީގަތުގައި އަހަރު ފެށޭއިރު ޒުވާން ކުޅުންތެރިންނަށް މުބާރާތެއް ބޭއްވުމުގެ ފައިދާ ބޮޑު. އެއީ ޒުވާން ކުޅުންތެރިންގެ ހުނަރު ދައްކާލައި އެ ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ފުރުސަތު ލިބޭނެކަމަކަށްވާތީ،" ކްލަބެއްގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.
އަނެއްކޮޅުން ބަލާއިރު ޔޫތު ޗެމްޕިއަންޝިޕްވެފައިވަނީ ޒުވާން ކޯޗުންނަށް ކެރިއަރުގައި ކުރިއަށް ދިއުމަށް ވެސް ރަނގަޅު މުބާރާތަކަށެވެ. ކޯޗިން ކެރިއަރު ފަށަން ބޭނުންވެފައިތިބި ގިނަ ކޯޗުން ފަހަކަށް އައިސް މި މުބާރާތުގެ އަލީގައި ވަނީ އެ މަސައްކަތް ފަށައިފަ އެވެ.
އޭގެތެރެއިން އެއް ކޯޗަކީ ގައުމީ ޓީމުގެ މިހާރުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. ކްލަބް ލެވެލްގައި އީގަލްސްގެ ސީނިއާ ޓީމުން އެސިސްޓަންޓެއްގެ ގޮތުގައި ފެނުނު ނަމަވެސް އޭނާ އަކީ ޔޫތު ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ކޯޗެވެ. އީގަލްސްގެ ޒުވާން ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް ޖެހިޖެހިގެން ތިން ފަހަރު ޔޫތު މުބާރާތުގެ ތަށި އުފުލާލި އެވެ.
މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް މުހިއްމުވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް މުހިއްމު ދެ މުބާރާތެއް އޮތް އަހަރެއްގައި ރަނގަޅު ފެންވަރެއްގެ ކުޅުންތެރިންތަކެއް ހޯދުމެވެ. މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ތަފާތު ސަބަބުތަކާ ހުރެ ބައިވެރިނުވެ އެވެ.
އަލުން ޒުވާން ޓީމު ނުކުންނާނެ ފުރަތަމަ އިމްތިހާނަކީ އަންނަ މާޗް މަހު އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ބުރެވެ. މާޗް 22 ވަނަ ދުވަހު ސައޫދީ އަރަބިއާގައި ފަށަން ތާވަލްކޮށްފައިވާ މި ކޮލިފައިން މެޗުތަކުގައި ރާއްޖޭގެ ޒުވާން ޓީމު ނުކުންނާނީ އެ ގައުމުގެ އިތުރުން ޔޫއޭއީ އާއި ލެބަނަންއާ ދެކޮޅަށެވެ.
އެފްއޭއެމުން ބުނީ ޔޫތު ޗެމްޕިއަންޝިޕަކީ އަބަދުވެސް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ފާހަގަވާ މުބާރާތެއް ކަމަށާއި އެހެން ކަމުން ޒުވާން ގައުމީ ޓީމަށް މީގެ ތެރެއިން ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އެފްއޭއެމުން 2011 ވަނަ އަހަރު ބާއްވަން ފެށި ޔޫތު މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު މި މުބާރާތް ފެށިއިރު މިހާތަނަށް ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ. އަދި މި މުބާރާތް އެންމެ ފަހުން 19 އަހަރުން ދަށަށް ހާއްސަކޮށްގެން މިދިޔަ އަހަރު ބޭއްވިއިރު ތަށި އުފުލާލީ ގްރީން ސްޓްރީޓްސް އިންނެވެ.
އަންނަ މަހުގެ 3 ވަނަ ދުވަހު ފަށާ މި އަހަރުގެ ޔޫތު މުބާރާތަށް ކުޅުންތެރިން ހޮވަން ގިނަ ޓީމުތަކުން ވަނީ ޓްރަޔަލްތައް ބާއްވައިފަ އެވެ. ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވި ޓްރަޔަލްތަކަށް ފަހު މިހާރު ޓީމުތައް ވަނީ ސްކޮޑު ފައިނަލްކޮށްފަ އެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ ޔޫތު މުބާރާތް ވެސް ފޯރިގަދަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.