18 ޖެނުއަރީ 2019 - 10:26

އިސްލާމްއާބާދު (ޖެނުއަރީ 18) - ސައުދީ އަރަބިއާގެ ޖިއްދާ އާއި މަދީނާ އެއާޕޯޓަށް ދަތުރު ކުރާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ މަތިންދާ ބޯޓުތަކުގައި އިން-ފްލައިޓް އެންޓަޓެއިންމަންޓްގެ ގޮތުގައި މިއުޒިކް މަނާކޮށްފައިވާ ކަމަށާއި ހައްޖާއި އުމްރާ އަށް އެ ދެ ޓެސްޓިނޭޝަނަށް ދަތުރު ކުރާ މީހުންނަށް އަޑު އިވޭނީ ހަމައެކަނި ގުރުއާން ކަމަށް އެއާލައިންގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޕީއައިއޭގެ ތަރުޖަމާން މަޝްހޫދު ތަޖާވާރު ވިދާޅުވީ މި ގޮތަށް ބަދަލު ކުރީ ދަތުރު ކުރާ މީހުންގެ ޚިޔާލު ހޯދުމަށް ފަހު ކަމަށެވެ.
"ޖިއްދާ އާއި މަދީނާ އަށް ދާ ފްލައިޓްތަކުގައި ގުރުއާން އާއި މަދަހަ ޖަހާ ގޮތަށް ނިންމީ ޕަސިންޖަރުން އެ ގޮތަށް ބޭނުންވުމުން. މާތް އަޅުކަމަކަށް އެ މީހުން ދަތުރު ކުރާ އިރު މިއުޒިކް އަޑު އިވޭ ގޮތަށް ހުރުން އެހާ ބޮޑަށް ނުގުޅޭ ކަމަށް އެ މީހުން ބުނި،" ތަޖާވާރު ވިދާޅުވި އެވެ. "އެހެން ރޫޓްތަކަށް ދަތުރު ކުރާ މީހުންނަށް ބޯޓުގެ އެންޓަޓެއިންމެންޓް ސިސްޓަމުން މިއުޒިކް އަޑު އެހޭނެ."
މާލީ ދަތިކަން ކުރިމަތިވެފައިވާ ޕީއައިއޭ މިހާރު ވެސް ހިންގަނީ ބޮޑު ގެއްލުމާ އެކު އެވެ. އެއާލައިނުގެ ދަރަނި 431 ބިލިއަން ރުޕީސް އަށް އަރަ އެވެ. އެއާލައިނުގައި 18،000 މީހުން މަސައްކަތް ކުރެ އެވެ. އަދި 32 ބޯޓު އޮވެ އެވެ.