18 ޖެނުއަރީ 2019 - 09:54

ބާސެލޯނާ (ޖެނުއަރީ 18) - އޮސްމާން ޑެމްބެލޭގެ ދެ ގޯލާ އެކު 3-0 އިން ލެވަންޓޭ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އެންމެ ފަހުން ހަތަރު ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ ވަނީ މިދިޔަ ހަފްތާގައި ލެވަންޓޭ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 2-1 އިން ބަލިވެފަ އެވެ. އެހެން ކަމުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދަން ރޭގެ މެޗުގައި އޮތީ ނަތީޖާ ނެރެން މަޖުބޫރުވެފަ އެވެ. ރޭގެ މޮޅާ އެކު ބާސެލޯނާ އިން ވަނީ ލެވަންޓޭގެ މައްޗަށް 4-2 އިން އެގްރިގޭޓުން ކުރިހޯދައިފަ އެވެ.
ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ މިނިޓް ތެރޭ ޑެމްބެލޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނިޓްގައި ޖެހިއިރު، އޭގެ މިނިޓެއް ފަހުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިއޮނަލް މެސީ އެވެ.
މި މެޗުން މޮޅުވެ ބާސެލޯނާ ކުއާޓާގެ ފުރުސަތު ހޯދާފައިވީ ނަމަވެސް މުބާރާތުން އެ ޓީމު ވަކިކުރުމުގެ ބިރު އެބައޮތެވެ. އެއީ މިދިޔަ ހަފްތާގައި ލެވަންޓޭ ދަނޑުގައި ކުޅުނު މެޗަށް ކާޑު ހަމަވެފައިވާ ކުޅުންތެރިއެއް ލައްވާ ބާސެލޯނާ އިން ކުޅުވުމުންނެވެ. ބާސެލޯނާ ބީ ޓީމަށް ކުޅެނިކޮށް ހުއާން ބްރަންޑަރިޒަށް ދެއްކި ރީނދޫ ކާޑާ އެކު އޭނާ ހުރީ ސަސްޕެންޝަނެއްގަ އެވެ. އެކަމަކު ބާސެލޯނާ އިން ވަނީ ލެވަންޓޭއާ ދެކޮޅަށް މިދިޔަ ހަފްތާގައި އޭނާ ބޭނުންކޮށްފަ އެވެ.
މި މައްސަލަ ސްޕެއިނުގެ ފެޑެރޭޝަނަށް ހުށަހަޅާނެ ކަމަށް ލެވަންޓޭ އިން ވަނީ ބުނެފަ އެވެ. އެކަމާ ބެހޭގޮތުން ބާސެލޯނާ އިން ބުނީ، މިދިޔަ ނޮވެމްބަރު މަހު ގަވާއިދަށް ގެނައި ބަދަލާ އެކު ސެގުންޑާ ބީ ޑިވިޝަނުގައި ދައްކާ ކާޑުތައް ސްޕެނިޝް ކަޕުގައި ނުގުނާ ކަމަށާއި އެހެންކަމުން ބްރަންޑަރިޒަށް އެ މެޗުގައި ކުޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މީގެ ކުރިން 2015 ވަނަ އަހަރު ރެއާލް މެޑްރިޑް ވަނީ ސަސްޕެންޝަނުގައި ހުރި ކުޅުންތެރިއަކު ކުޅެން އަރުވައިގެން މުބާރާތުން ސަސްޕެންޑްކޮށްފަ އެވެ. އެ ފަހަރު ރަޝިއާގެ ވިންގް ޑެނިސް ޗެރީޝެފް ލޯން އެއްބަސްވުމެއްގެ ދަށުން ވިޔަރެއާލަށް ކުޅެނިކޮށް އައި ސަސްޕެންޝަނެއްގައި ހުއްޓައި އަލުން ރެއާލަށް އައުމުން އޭނާ ކަޕް މެޗެއްގައި ކުޅުވިއިރު، ރެއާލުން ބުނީ ޗެރީޝެފްގެ ސަސްޕެންޝަނުގެ މައުލޫމާތު އެ ޓީމަށް ލިބިފައިނުވާ ކަމަށެވެ.