25 އޯގަސްޓް 2016 - 06:30

އިރަމް ޝަރުމީލާގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ މީގެ 16 އަހަރު ކުރިންނެވެ. އިންޑިއާގެ އިމްޕާލްގެ ޖަވާހަރްލާލް ނެހްރޫ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގެ ޚާއްސަ ވޯޑެއްގައި ޝަރުމީލާ އޮންނަތާ މިހާރު އެތައް އަހަރެއް ފަހުން، ބޭރުން ތަޅު އަޅުވާފައި ހުންނަ އެ ތަން މިހާރު ވަނީ ހުޅުވައިފަ އެވެ. އެތެރޭގައި ހަރުކޮށްފައިވާ ޝަރުމީލާގެ ކެމްޕެއިން ޕޯސްޓަރުތައް ވެސް ވަނީ ކުލަ ފޭދިފަ އެވެ. ވަށައިގެން އޮތީ މަކުނުވަލެވެ.

ޝަރުމީލާ އޭނާގެ ހަޅުތާލު ހުއްޓާލީ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް މީހަކު ކުރި ހައިހޫނުކަމުގެ އެންމެ ދުވަސްވީ ހަޅުތާލެވެ. އެއާ އެކު އޭނާއަށް ތާއީދުކުރާ ޖަމިއްޔާތަކުގެ ތާއީދު ވެސް ހުއްޓިއްޖެ އެވެ. އޭނާއަށް ކެމްޕެއިން ކޮށްދިން ޖަމާއަތްތަކުން ކެމްޕެއިންގެ ނަން ވެސް ފޮހެލައިފި އެވެ.

މަނިޕޫރުގައި އެންމެ ބާރަށް ހިންގި "ދަ ޕްރޮޓެކްޝަން އޮފް ޝަރުމީލާ އޮގަނައިޒޭޝަން" ވެސް މިހާރު ވަނީ އުވާލާފަ އެވެ. ޝަރުމީލާ ހިމާޔަތްކޮށްދޭން ކަމަށް ބުނެ އުފެއްދި ޖަމިއްޔާތައް މިހާރު ވަނީ ވުޖޫދުން ފޮހެވިގެން ގޮސްފަ އެވެ. ކެމްޕޭނުގައި އިސްކޮށް އުޅުނު މީހުން ތިބީ ޝަރުމީލާއާ މެދު ހިތްހަމަނުޖެހިފަ އެވެ.

"އޭނާ ބަލަހައްޓަން އަހަރެމެން ދިރިއުޅުމުގެ ހުރިހާ ކަމެއް ގުރުބާން ކުރިން. އަހަރެންގެ ފިރިމީހާ އޮންނަނީ އެއްފަޅި ވާގިނެތިފައި. އެކަމަކު ކޮންމެ ދުވަހަކު އަހަރެން މިއޮފީހަށް އައިސް މަސައްކަތް ކޮށްދެން. ޝަރުމީލާއާ ވީހާ ކައިރީ ހުންނަން ބޭނުންވާތީ. އޭނާ އެކަނިކޮށް ނުކުރަން ވެގެން،" ޝަރުމީލާގެ ސަލާމަތަށް އުފެއްދި އެންމެ ބޮޑު އޮގަނައިޒޭޝަންގެ އިސް މީހަކަށް ހުރި އެސް މަމޮން ލައިމާ ބުނެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި ޖަލުން ސަލާމަތްވެގެން ޝަރުމީލާ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު އެމީހުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. ޝަރުމީލާ ވިހޭ މަންމަ ނޫނަސް އެ އޮގަނައިޒޭޝަންގައި މަސައްކަތްކުރާ ކޮންމެ މީހަކީ ވެސް އޭނާގެ މަންމައެއް ފަދަ މީހެއް ކަމަށް މަމޮން ލައިމާ ބުންޏެވެ.
ނަމަވެސް އެމީހުންގެ އުންމީދުތައް އޮޔާ ދިޔައީ ކުއްލިއަކަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލަން ޝަރުމީލާ ނިންމުމުންނެވެ. އެ ހަޅުތާލުގެ ސަބަބުން ޝަރުމީލާ އުފުލި ތަކުލީފު އެކަކުވެސް ހަނދާނެއް ނެތެވެ. އެމީހުންގެ މަގްސަދު ހާސިލު ވަންދެން ޝަރުމީލާ މަސައްކަތް ނުކުރުމުގެ ސަބަބުން އެ މީހުންގެ ހިތުގައި އޭނާއަށްޓަކައި އޮތީ ހުސް ޝަކުވާ އެވެ.
ނަތީޖާއަކަށްވީ މި މަހުގެ ނުވައެއްގައި، ހައިހޫނު ކަމުގެ ހަޅުތާލު ހުއްޓާލުމާ އެކު ޝަރުމީލާއާ އަޅާލާނެ އެއްވެސް މީހަކު ނެތި އެކަނިވެރި ވުމެވެ. އޭނާގެ އާއިލާއިން އޭނާ ގެއަށް ވައްދަން ތައްޔާރެއް ނޫނެވެ. އަދި އެކުވެރިންގެ ގޮތުގައި ދެކޭ ބައެއް މީހުން ވެސް އެމީހުންގެ ގެދޮރުން އޭނާއަށް ހިޔާވަހިކަން ދޭން ވެސް ބޭނުމެއް ނޫނެވެ. ބައެއް މީހުން ކިތަންމެ ބޭނުންވިޔަސް، ޝަރުމީލާއާ ދެކޮޅު މީހުން ދެކެ ގަންނަ ބިރަކުން ޝަރުމީލާއަށް އެހީތެރިވާން އެމީހުން ވަނީ ނުކުޅެދިފަ އެވެ.
ޝަރުމީލާ ބަހައްޓާނެ ގެއެއް ނެތުމުން ފުލުހުންނަށް ވެސް ޖެހުނީ އަލުން ޕޮލިސް ސްޓޭޝަނަށް އޭނާ ގެންދާށެވެ. މަގުމަތިވެ އެންމެފަހުން ޖެހުނީ ހަޅުތާލުކުރި ވޯޑުގައި އޮންނާށެވެ.
އެހާ ގިނަ ދުވަހަށް ފަހު ޝަރުމީލާ ހަޅުތާލު ހުއްޓާލީ ކީއްވެހެއްޔެވެ؟
ކުރިން ސްޓޭޓް ހެލްތު ޑިޕާޓްމަންޓުގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ޝަރުމީލާގެ ރައްޓެއްސެއް ކަމަށްވާ ސުރޭޝް ބުނެފައިވާ ގޮތުގައި އޭނާ ހަޅުތާލު ނިންމާލީ އީދު ކުޑަވަމުންދާކަން އިހްސާސް ކުރެވިގެން ކަމަށެވެ. އޭނާ ހަޅުތާލުކުރި މަގްސަދު ގެއްލިފައިވާ ކަމަށް ޝަރުމީލާ ގަބޫލު ކުރެ އެވެ.
ޝަރުމީލާ ވަނީ ހަޅުތާލު ހުއްޓާލައި ސިޔާސީ މައިދާނަށް ނުކުންނަން ގަސްތުކުރާކަން އިއުލާންކޮށްފަ އެވެ. މިއީ ސުރޭޝް ވެސް އެހާ ގަބޫލު ކަމެއް ނޫނެވެ.
ޝަރުމީލާ އަށް ތާއީދުކުރި އެ ސްޓޭޓްގެ އެތައް ހާސް ބަޔެއްގެ ނަޒަރުގައި ޝަރުމީލާ ވަނީ އެމީހުންނަށް ބޭވަފާތެރި ވެފަ އެވެ. އެމީހުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހައިފަ އެވެ.
ނަމަވެސް އޭނާއަށް ތާއީދު ބަޔަކު ވެސް އެބަތިއްބެވެ. އެމީހުން ބުނަނީ ޝަރުމީލާ ހަޅުތާލު ހުއްޓާލިޔަސް އޭނާގެ މަގްސަދު ހާސިލުކުރުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
އިރަމް ޗާނޫ ޝަރުމީލާ މަޝްހޫރުވެފައި ވަނީ އަޔަން ލޭޑީ ނުވަތަ ދަގަނޑު އަންހެނާގެ ނަމުންނެވެ. އުމުރުން 44 އަހަރުގެ ޝަރުމީލާ އަކީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މަނިޕޫރުގެ ރަށްވެއްސެކެވެ. ސިވިލް ރައިޓްސް އެކްޓިވިސްޓެކެވެ. ސިޔާސީ އެކްޓިވިސްޓެކެވެ.
އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށީ ނޮވެމްބަރު، 2، 2000 ގައެވެ. އަދި 16 އަހަރު ފަހުން ހަޅުތާލު ނިންމާލީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
ފެން ފޮދެއް ވެސް ކާ އެއްޗެއް ވެސް އަނގައިން އެތެރެކުރަން އިންކާރުކޮށް ކެއިން ބުއިމާ ދުރުގައި 500 ހަފުތާ ހޭދަކުރުމުގެ ސަބަބުން "އެންމެ ދިގު މުއްދަތަކަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރި އަންހެނާ"ގެ ދުނިޔޭގެ ރެކޯޑް މިހާރު ޝަރުމީލާ އަށް ވަނީ ލިބިފަ އެވެ.
ނެޝަނަލް އިލެކްޝަންގައި ވާދަކުރުމަށް 2014 ގައި ޝަރުމީލާގެ ކިބައިން ދެ ޕާޓީއަކުން އެދުނު ނަމަވެސް އޭނާ ވަނީ އެކަމަށް ނޫނެކޭ ބުނެފަ އެވެ. ޝަރުމީލާގެ ކިބައިން ވޯޓުލުމުގެ ހައްގު ވެސް އޭރު ވަނީ ނިގުޅައިގެންފަ އެވެ. ޖަލުގައި ތިބޭ މީހުންނަށް ވޯޓު ލުމުގެ ހައްގު ނޯންނާތީ އެވެ.
ޝަރުމީލާ އުޅެ ބޮޑުވީ މަނިޕޫރުގަ އެވެ. މަނިޕޫރަކީ އިންޑިއާގެ އިރުއުތުރުގައިވާ "ސެވަން ސިސްޓާ ސްޓޭޓް" ގެ ތެރެއިން ސްޓޭޓެކެވެ. މިއީ ޒަމާނުއްސުރެ ހަމަނުޖެހުން ބޮޑު ހިސާބެކެވެ. މި ސަރަހައްދުގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން 2005 އާއި 2015އާ ދެމެދު 5500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
އިންޑިއާ ސަރުކާރުން 1958 ގައި ފާސްކުރި އާމްޑް ފޯސަސް ސްޕެޝަލް ޕަވާ އެކްޓް (އޭއެފްއެސްޕީއޭ) އަކީ ކޯޓު އަމުރެއް ނެތި ގެދޮރާއި އެނޫންވެސް މީހުން ދިރިއުޅޭ ތަންތަނާއި މުދާ ފާސްކުރުމާއި މީހުން ހައްޔަރުކުރުން ފަދަ ކަންތައްތައް ކުރުމުގެ ހުއްދަ އޭއެފްއެސްޕީއޭ އަށް ލިބިދޭ ގާނޫނެކެވެ. ފަހުން ހަމަ މި ގާނޫނު ޖައްމު ކަޝްމީރަށް ވެސް އަމަލުކުރަން ޖެހޭ ގޮތަށް ހެދި އެވެ.
ޝަރުމީލާ އަކީ އަބަދުވެސް އެރަށުގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރި މީހެކެވެ. އެގޮތުން ނޮވެމްބަރު 2، 2000 ގައި މަނިޕޫރުގައި ހިނގި އިންސާނިއްޔަތާ ޚިލާފު އަމަލުތަކަކާ ދެކޮޅަށް ޝަރުމީލާ ތެދުވި އެވެ.
އޭގެ ތެރޭގައި މަނިޕޫރުގެ އިމްޕާލް ވެލީގައި އޮންނަ މެލޯމް ކިޔާ އަވަށެއްގައި ބަހަކަށް އަރަން މަޑުކޮށްލައިގެން ތިބި، އެ އަވަށުގައި ދިރިއުޅޭ އާއްމުންގެ 10 މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލި މީހުންނަށް އިންސާފު ހޯދައިދޭން އޭނާ ފެށި ހަރަކާތް ހިމެނެ އެވެ.
"މެލޯމް ގަތުލުއާއްމު"ގެ ނަމުން މަޝްހޫރުވެފައިވާ މި ހާދިސާ ހިންގިކަމަށް ވަނީ އާސާމް ރައިފަލްސް އިންނެވެ. މިއީ އެ ސްޓޭޓްގައި ހަރަކާތްތެރިވަމުންދާ އިންޑިއަން ޕެރަމިލިޓަރީ ފޯސް އެކެވެ. އެމީހުން މި އަމަލު ހިންގީ އޭއެފްއެސްޕީއޭ ދަށުންނެވެ.
މި ގަތުލުއާއްމަށްފަހު ޝަރުމީލާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށި އެވެ. އޭރު އޭނާގެ އުމުރުން 28 އަހަރެވެ. ސަރުކާރަށް ޝަރުމީލާ ކުރަމުންދިޔަ ޑިމާންޑަކީ ހަތިޔާރުއެޅި ސިފައިންނަށް ޚާއްސަ ބާރުތަކެއް ލިއްބައިދޭ ގާނޫނު އުވާލުމެވެ.
ޝަރުމީލާގެ ހަޅުތާލު ފެށީ މެލޯމް ގައި 2000 ވަނަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު އެވެ. އޭނާ ބުނީ އޭއެފްއެސްޕީއޭ ގާނޫނު އުވާ ނުލާހާ ހިނދަކު އޭނާ ހަޅުތާލު ކުރިއަށް ގެންދާނެ ކަމަށާއި ބޮލުގައި ފުނާ ވެސް ނާޅާނެ ކަމަށާއި ލޯގަނޑުން އަމިއްލަ ސޫރަ ވެސް ނުބަލާނެ ކަމަށެވެ.
އޭނާ ހަޅުތާލު ފެށިތާ ތިން ދުވަސްފަހުން ފުލުހުން އޭނާ ހައްޔަރުކުރި އެވެ. އަދި އަމިއްލައަށް މަރުވާން އުޅުނުކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ އުފުލި އެވެ. އަމިއްލައަށް މަރުވާން އުޅުމަކީ އިންޑިއާގެ ގާނޫނުތައް ބުނާ ގޮތުން ކުށެކެވެ. ފަހުން އޭނާ ޖުޑިޝަލް ކަސްޓަޑީއަށް ބަދަލުކުރި އެވެ.
ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ސަބަބުން ޝަރުމީލާގެ ސިއްހަތު ގޯސްވާން ފެށި އެވެ. ފުލުހުންގެ ހައްޔަރުގައި ހުއްޓާ އޭނަ މަރުވެދާނެކަމުގެ ބިރު ހީވުމުން ނޮވެމްބަރު 21 ވަނަ ދުވަހު އޭނާ ހޮސްޕިޓަލަކަށް ގެންގޮސް އެޑްމިޓް ކުރި އެވެ. ނޭފަތުން ހޮޅި ލައްވައިގެން ގަދަކަމުން ޝަރުމީލާއަށް ކާން ދޭން ފެށި އެވެ. އޭގެ ފަހުން ޝަރުމީލާ ދޭތެރެއަކުން ދޫކޮށްލިޔަސް މާގިނަ ދުވަހެއް ނުވެ އަލުން ހައްޔަރު ކުރެ އެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށް ގެންދާތީ އެވެ.
އެގޮތަށް 2004 އާ ހަމައަށް ދިޔައިރު ޝަރުމީލާ އަކީ އާއްމު ރައްޔިތުން ބަލައިގަންނަ މީހަކަށް ވިއެވެ. އަދި ތަންތަނަށް ގޮސް ޝަރަފުވެރި މެހެމާނެއްގެ ބައި އަދާކުރުމުގެ ފުރުސަތުތައް ވެސް އޭނާއަށް ލިބެން ފެށި އެވެ. އަދި އާސާމް ރައިފަލް ހެޑްކުއާޓާޒް ކައިރީ ވަރަށް ބޮޑު އެއްވުމެއް ވެސް ޝަރުމީލާ އިސްވެ ހުރެ ބޭއްވި އެވެ. މި އެއްވުމުގައި، ކިޔަވާ ކުދިންނާއި ހިއުމަން ރައިޓްސް އެކްޓިވިސްޓުން އަދި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި އެވެ.
ޝަރުމީލާގެ މަގްބޫލުކަން އިތުރުވެ ސޭވް ޝަރުމީލާ ސޮލިޑަރިޓީ ކެމްޕެއިނެއް ވެސް 2011 ގައި ލޯންޗުކުރި އެވެ. އަދި ޕޫނާ ޔުނިވަސިޓީން ޝަރުމީލާގެ ނަމުގައި 39 އަންހެންކުއްޖަކަށް ސްކޮލަޝިޕް ޕްރޮގްރާމެއް ވެސް ހިންގި އެވެ.
ޝަރުމީލާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ގިނަ އަހަރުތަކެއް ވީއިރުވެސް އެންމެ ފަހަރަކު ވެސް އޭނާގެ މަންމައާ ބައްދަލެއް ނުކުރެ އެވެ. މަންމަ އޭނާ ދެކެ ރުޅިއައިސްގެން ބުނާ އެއްޗަކުން އޭނާގެ އަޒުމަށް ގުޑުން އަރާފާނެތީ އެވެ. އޭނާ އޭރު ބުނަމުން ދިޔައީ އޭއެފްއެސްޕީއޭ އެކްޓް އުވާލާ ދުވަހު އޭނާގެ މަންމަގެ އަތުން ބަތް ކާނެ ކަމަށެވެ.
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ޝަރުމީލާ ހޭދަކުރި ގިނަ ދުވަސްތަކަކަށްފަހު ޝަރުމީލާ ވަނީ މި އަހަރުގެ 28 މާޗްގައި ޖަލުން މުޅިން މިނިވަން ވެފަ އެވެ. އެއީ ޝަރުމީލާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް ކޯޓުން ގަބޫލުނުކުރުމުންނެވެ.
ޝަރުމީލާ ވެފައިވާ ވައުދާ އެއްގޮތަށް އޭނާ އެނބުރި އަމިއްލަ ގެއަކަށް ނުދިޔަ އެވެ. ޖަލުން މިނިވަން ވުމާއެކު ޝާހިދު މިނާރް ކިޔާ ހިސާބެއްގައި އިށީނދެ އަނެއްކާވެސް ހަޅުތާލު ކުރިއަށް ގެންދަން ފެށީ އެވެ. އަނެއްކާވެސް ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. މިފަހަރުވެސް އަމިއްލައަށް މަރުވާން އުޅުނުކަމުގެ ތުހުމަތުގަ އެވެ.
ކުއްލިއަކަށް، ޖުލައި 26 ވަނަ ދުވަހު ޝަރުމީލާ ވަނީ އޮގަސްޓް 8 ގައި ހަޅުތާލު ހުއްޓާލާނެކަން އިއުލާން ކޮށްފަ އެވެ. އަދި މަނިޕޫރުގެ ސްޓޭޓް އިލެކްޝަންގައި ވާދަކުރާނެ ކަން ވެސް ޝަރުމީލާ އެ ދުވަހު އިއުލާން ކުރި އެވެ.