18 ޖެނުއަރީ 2019 - 09:38

އިސްލާމްއާބާދު (ޖެނުއަރީ 18) - މާލީ ބަޔާން ހާމަނުކުރި ޕާކިސްތާން ޕާލަމެންޓުގެ 332 މެންބަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސަސްޕެންޑް ކުރި މެންބަރުންގެ ތެރޭގައި އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ ސްޓޭޓް އެސެމްބްލީތަކާ އެކު 1،174 މެންބަރުންގެ ތެރޭން މާލީ ބަޔާން ހުށަހަޅާފައި ވަނީ 842 މެންބަރުންނެވެ. އެހެންކަމުން ބާކީ ތިބި 332 މެންބަރުންގެ މެންބަޝިޕް އިލެކްޝަން ކޮމިޝަން އޮފް ޕާކިސްތާން (އީސީޕީ) އިން ސަސްޕެންޑްކޮށްފައިވާ ރިޕޯޓްތައް ބުނެ އެވެ.
ސަސްޕެންޑް ކުރި މެންބަރުންގެ ތެރޭގައި ނޭޝަނަލް އެސެމްބްލީގެ 72 މެންބަރުންނާއި ސެނެޓުގެ 20 މެންބަރުން، ޕަންޖާބު އެސެމްބްލީގެ 115 މެންބަރުން، ސިންދު އެސެންބްލީގެ 52 މެންބަރުން ޚައިބަރު ޕަޚުތުންކުވާގެ 54 މެންބަރުން އަދި ބަލޮޗިސްތާން އެސެމްބްލީގެ 19 މެންބަރުން ހިމެނޭ ކަމަށް އެ ގައުމުގެ ދުންޔާ ނޫހުން ބުނެފައިވެ އެވެ.
އެ ނޫހުން ބުނި ގޮތުން ޕާލަމެންޓުގެ މެންބަޝިޕް ސަސްޕެންޑް ކުރި މީހުންގެ ތެރޭގައި އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިސްޓަރު ފަވާދު ޗައުދަރީގެ އިތުރުން ހެލްތު މިނިސްޓަރު އާމިރު ކިޔާނީ އާއި ނޭޝަނަލް އެސެމްބްލީގެ ނައިބް ރައީސް ގާސިމް ސޫރީ، ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޕީއެމްއެލް-އެންގެ ލީޑަރުންގެ ތެރޭގައި ހިމެނޭ އަހްސަން އިގްބާލް، މުސާދިގު މާލިކް އަދި އަންވަރުލް ހައްގު ހިމެނެ އެވެ.
ސަސްޕެންޑްކުރި މެންބަރުން ޕާލަމެންޓުގެ ޖަލްސާތަކުގައި ބައިވެރިއެއް ނުވެވޭނެ އެވެ. ނޫހުން ބުނީ އެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅަންދެން ސަސްޕެންޑްކޮށްފައިވާކަމުގެ ނޯޓިސް އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ކަމަށެވެ.