ކުޑަހުސެންގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުން ޗެލެންޖަކާ އެކު!
ކުޑަހުސެންގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުން ޗެލެންޖަކާ އެކު!

އޭނާ 1989 ވަނަ އަހަރު ހެދި މެރެތަން ރެކޯޑް މުގުރާނުލެވި ދުވަސްވާތީ، އެކަން ކުރުވަން ހިތްވަރުދޭން ވެގެން ހެދި ގޮތަކީ އެ ރެކޯޑް މުގުރާލާ ދުވުންތެރިއަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް އަމިއްލަ ގޮތުން ހުށައެޅީ އެވެ.

ކުޑަހުސެންގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުން ޗެލެންޖަކާ އެކު!
ކުޑަހުސެންގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުން ޗެލެންޖަކާ އެކު!

އެއީ މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. މިހާރު އެ ރެކޯޑް ދެ ތިން ފަހަރަކު މުގުރާލައިފި އެވެ. އެކަމަކު ރާއްޖޭގައި އުފެދުނު ވަރުގަދަ ދުވުންތެރިއާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) މީހުންނަށް ހިތްވަރުދޭން ކުރާ އެފަދަ ކަންކަމަކަށް ބަދަލެއް އައިހެނެއް ހީނުވެ އެވެ.

އަންނަ މާޗު 5 ވަނަ ދުވަހު ކުޑަހުސެން 50 ވަނަ އުފަންދުވަސް ފާހަގަކުރަން ބޭނުންވަނީ ވެސް ކަސްރަތާއި ކުޅިވަރުގެ ތެރެއިން އެހެން މީހުންނަށް ހިތްވަރުދޭން، އަމިއްލަ ނަފުސަށް ކުރާ ޗެލެންޖެއްގެ ތެރެއިންނެވެ. އެ ދުވަހު ކުރިން އޭނާ ހިތުލައިގެން ހުރި ހަތަރު ކަމެއް އިއްޔެ ފޭސްބުކުގައި ހިއްސާކުރި އެވެ.

ފުރަތަމަ ހިޔާލަކީ 12 ގަޑިއިރުގެ ތެރޭގައި ޑަބަލް މެރެތަނެއް ފުރިހަމަކުރުމެވެ. އެއީ މާލެ ވަށައި ނަމަ 16 ބުރު، ޓްރެކުގައި ނަމަ ގާތްގަނޑަކަށް 200 ބުރު ދުވެފައި ފުރިހަމަކުރުމެވެ. ހައިރާންނުވާށެވެ. އުމުރުން 48 އަހަރުގައި ކުޑަހުސެން ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށް ގިނަ ބަޔަކު އެއްބަސްވާ އަޔަންމޭން ޓްރައިތެލޯން ފުރިހަމަކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދައިފަ އެވެ.

އަޔަންމެން އެއް އެ ދުވަހު ޖަހަން ވެސް އޭނާ ބޭނުންވެ އެވެ. އެކަމަކު އެފަދަ ރޭހެއް އެ ދުވަހު ސީދާ އެއްވެސް ތަނެއްގައި ނެތެވެ. އަޔަންމެން އަކީ 3.8 ކިލޯމީޓަރު ފަތައި، 180 ކިލޯމީޓަރު ބައިސިކަލް ދުއްވައި އަދި 42 ކިލޯމީޓަރަށް ދުވަން ޖެހޭ އިވެންޓެކެވެ. ދެން އޮތް ހިޔާލަކީ 12 ގަޑިއިރާއި 24 ގަޑިއިރާ ދެމެދުގެ ވަގުތަކަށް، ނުހުއްޓި ހުޅުމާލޭގައި ބައިސިކަލް ދުއްވުމެވެ.

އެންމެ ޝައުގުވެރި ކަމަކީ އޭނާގެ ހަތަރު ވަނަ ހިޔާލެވެ. އެއީ އޭނާއާ އެއް އުމުރެއް ނުވަތަ އެއަށް ވުރެ ދޮށީ މީހުން އޭނާއާ އެކު 10 ކިލޯމީޓަރު ދުވުމެވެ. އޭނާ އަށް ވުރެ ކުރިން ރޭސް ނިންމާ ބައިވެރިންނަށް، ކޮންމެ މީހަކަށް ފަސް މީހުންގެ ރޭގަނޑުގެ ކެއުމެއް ނުވަތަ މި އަހަރުގެ ކޮލަމްބޯ މެރެތަނަށް ދާން ޓިކެޓް ދޭނެ އެވެ.

"އަޅުގަނޑަކީ އަބަދުވެސް ކުޅިވަރާއި ކަސްރަތު ޕްރޮމޯޓްކުރާ މީހެއް. މީހުންނަށް ހިތްވަރުދޭ މީހެއް. އެހެންވެ ބޭނުންވަނީ 50 ވަނަ އުފަންދުވަސް ވެސް އެފަދަ ހަރަކާތަކުން ފާހަގަކުރުން،" ކުޑަހުސެން ބުންޏެވެ. "މީގެ ތެރެއިން އެންމެ ގިނަ ބަޔަކު އެދޭ ކަމެއް ކުރާނީ."

އަނެއް ސަބަބަކީ އޭނާގެ ވިސްމުމަށް އައި ބަދަލެކެވެ. ޒުވާން ދުވަސްވަރު ކުޑަހުސެން މެން ހީކުރީ 50 އަހަރުވީމާ ވަރަށް މުސްކުޅިވާނެ ކަމަށެވެ. އެކަމަކު މިއަދު އޭނާ އެ އުމުރަށް ދިޔައިރު އަދިވެސް ވަރަށް ފިޓެވެ.

"އެހެންވެ ބޭނުންވަނީ އުމުރުން 50 އަހަރު ވުމަކީ އަދި މުސްކުޅިވުން ނޫން ކަމާއި މިއީ ވެސް ކުޅިވަރާއި ކަސްރަތުގެ ތެރޭގައި އުޅެ ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މަސައްކަތްކުރެވިދާނެ އުމުރެއްކަން އަންގައިދިނުން،" އޭނާ ބުންޏެވެ.

ރާއްޖޭގެ މެރެތަން ރެކޯޑް 1989 ވަނަ އަހަރު ގާއިމްކޮށް 28 އަހަރު ވަންދެއް އޭގެ މިލްކުވެރިކަން އޮތް ކުޑަހުސެން ބުނީ އޭނާގެ ވިސްނުމުގައި އޭނާ އަކީ އަދިވެސް ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. އޭގެ ސިއްރަކީ ހަމައެކަނި ގަވާއިދުން ކަސްރަތު ކުރުމެއް ވެސް ނޫނެވެ. ރަނގަޅަށް ކެއުމާއި ނިދި ހަމަކުރުމާއި ސިނގިރޭޓާ ދުރުހެލިވުމެވެ. އަދި ބޭކާރު ކަންކަމާ ނުވިސްނުވުމާއި އެފަދަ ކަންކަމާ ދުރުހެލިވުމެވެ.

އަށްޑިހައިގެ ފަހުކޮޅުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ގައުމީ ޓީމަށް ދުވުމަށް ފަހު، ޕީއެޗްޑީ ހާސިލްކޮށް އަދި ދިވެހި އަސްކަރިއްޔާ އަށް ވެސް ހިދުމަތްކުރި ކުޑަހުސެންގެ އެ ނަމޫނާ ދިރިއުޅުމުގެ ސިއްރަކީ އޭނާގެ ކުޅިވަރުގެ ބައްޕަ މަރްހޫމް ޒާހިރު ނަސީރުގެ އުސޫލުތަކުގައި އަދިވެސް ހިފެހެއްޓުމެވެ.

"ކަކޫ ހަލާކުނުވި ނަމަ އަދިވެސް މެރެތަން ރޭސް ތިން ގަޑިއިރަށް ވުރެ އަވަހަށް ނިންމާނަން،" 2 ގަޑި 45 މިނެޓުން ހެދި ރެކޯޑަށް އިޝާރާތްކޮށް ކުޑަހުސެން ބުންޏެވެ. "މި އުމުރުގައި ވެސް އަހަންނަށް މުސްކުޅިކަމެއް އިހުސާސެއް ނުކުރެވޭ."