ސިންގަޕޫރުގެ ބޮޑު ވަޒީރު ވާހަކަ ދައްކަވަން ހުންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓިއްޖެ
ސިންގަޕޫރުގެ ބޮޑު ވަޒީރު ވާހަކަ ދައްކަވަން ހުންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓިއްޖެ

ސިންގަޕޫރު (އޮގަސްޓް 22) - ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ތަގްރީރެއް ދެއްވަން ހުންނަވަނިކޮށް ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫން އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ.

ބޮޑު ވަޒީރު ލީ ވެއްޓުމާ އެކު ޓީވީން ވަގުތުން ދައްކަމުން ދިޔަ މަންޒަރުތައް ވަނީ މެދުކަނޑާލައިފަ އެވެ. އަދި ޑޮކްޓަރުން ވަނީ ލީ އަށް ވަގުތުން ފަރުވާ ދޭން ފަށައިފަ އެވެ.

ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ތަގްރީރު ދެއްވަން ލީ ގިނައިރު ކޮޅަށް ހުންނެވުމާއި ހޫނުގަދަވުމާ އަދި ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން އަނބުރައިގަތީ ކަމަށެވެ. އަދި ލީގެ ހިތުގެ މައްސަލައެއް ނެތް ކަމަށާއި ސްޓްރޯކެއް ނުޖެހޭ ކަމަށް ވެސް ބޮޑު ވަޒީރުގެ އޮފީހުން ބުނެފައިވެ އެވެ.

ސިންގަޕޫރުގެ ބޮޑު ވަޒީރުކަން އޮގަސްޓް، 2004 އިން ފެށިގެން ކުރައްވާ ލީ، 64، ފަހުން ވަނީ ތަހްގީރު ކުރިއަށް ގެންދަވައިފަ އެވެ. ގާތްގަނޑަކަށް އެއްގަޑިއިރާއި 20 މިނިޓް ފަހުން ލީ އެނބުރި ވަޑައިގެން އަލުން ތަގްރީރު ފެއްޓުމުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ދީފަ އެވެ. ލީ ވަނީ އޭނާ އަށް އެހާ ގިނަ އިރު އިންތިޒާރުކުރީތީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

ލީ މިދިޔަ އަހަރު ވަނީ ޕްރޮސްޓޭޓް ގްލޭންޑް ނެގުމަށް އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. ލީ އަށް ވަނީ 1990 ގެ އަހަރުތަކުގައި ކެންސަރު ޖެހިފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.

ލީގެ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) 1959 ވަނަ އަހަރުން ފެށިގެން ދަނީ ސިންގަޕޫރުގެ ވެރިކަން ކުރަމުންނެވެ. ކެމްބްރިޖުން ތައުލީމް ހާސިލްކުރައްވާފައިވާ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ލީ ވަނީ ބައްޕާފުޅު ލީ ކުއާން ޔޫގެ ފިޔަވަޅު މަތިން އުމުރުން 32 އަހަރުގައި، 1984 ގައި ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެންފަ އެވެ.

ލީގެ ތަގްރީރު އަލުން ކުރިއަށް ގެންދަވަމުން ވިދާޅުވީ ސަރުކާރުން މިހާރު އިސްކަން ދޭ އެއް ކަމަކީ އޭނާ އަށް ފަހު ބޮޑު ވަޒީރުކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ތައްޔާރު ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް އާއްމު އިންތިޚާބަށް ފަހު އާ ބޮޑު ވަޒީރު ހުންނަވާނީ މަގާމާ ހަވާލުވުމަށް ތައްޔާރުވެފައި ކަމަށް ލީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އާއްމު އިންތިޚާބު ވެސް ވަނީ ޕީއޭޕީން ކާމިޔާބުކޮށްފަ އެވެ. ސިންގަޕޫރުގައި އިންތިޚާބު ބާއްވަނީ ކޮންމެ ފަސް އަހަރަކުންނެވެ. ބޮޑު ވަޒީރު ލީ ވަނީ ވާދަވެރި އިގްތިސާދެއް ގާއިމްކޮށް، ތައުލީމީ ނިޒާމުގެ ފެންވަރު މަތިކޮށް އަދި ތަރައްގީ އާއި ރިސާޗަށް ބޮޑު އިންވެސްޓެއް ކުރައްވައިފަ އެވެ.