ޖާސޫސުކުރި ކަމަށް ލީޑްސްގެ ކޯޗު ބިއެލްސާ އެއްބަސްވެއްޖެ
ޖާސޫސުކުރި ކަމަށް ލީޑްސްގެ ކޯޗު ބިއެލްސާ އެއްބަސްވެއްޖެ

ލަންޑަން (ޖެނުއަރީ 17) – އިދިކޮޅު ހުރިހާ ޓީމެއްގެ ތަމްރީންތަކަށް މީހުން ފޮނުވައިގެން ޖާސޫސުކުރި ކަމަށް އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ އެއް ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑުގެ މަޝްހޫރު ކޯޗު އާޖެންޓީނާގެ މާސެލޯ ބިއެލްސާ އެއްބަސްވެއްޖެ އެވެ.

ހުކުރު ދުވަހު ޑާބީ ކައުންޓީ ބަލިކޮށް ލީޑްސް އިން ވަނީ ޗެމްޕިއަންޝިޕުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު އެ ކާމިޔާބަށް ހިޔަނި އެޅުނީ މެޗުގެ ކުރީ ދުވަހު ޑާބީގެ ތަމްރީންތައް ބަލަން އޮފިޝަލަކު ފޮނުވި ކަމަށް ބިއެލްސާ އެއްބަސްވުމުންނެވެ.

އެކަމަށް ލީޑްސްގެ ވެރިޔާ އަންދްރެއާ ރަޑްރިއްޒާނީ މައާފަށް އެދިފައިވަނިކޮށް، އިނގިރޭސި އެފްއޭ އިން ވަނީ މައްސަލަ ބަލަން ފަށައިފަ އެވެ.

އަދި ބިއެލްސާ ވަނީ އިއްޔެ ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އޭނާ އެއްކުރި މައުލޫމާތުގެ ތަފްސީލް ދީފަ އެވެ. ގިނަ ބަޔަކު ހީކުރީ، އޭނާ އިސްތިއުފާ ދޭން އުޅެނީ ކަމަށެވެ. އެކަމަކު އެފްއޭގެ ތަހުގީގަށް އެއްބާރުލުންދޭން ކަމަށް ބުނެ ބިއެލްސާ ވަނީ އިދިކޮޅު ޓީމާއި ކުޅުންތެރިންގެ ޓެކްޓިކަލް ދިރާސާ އޭނާ ކުރާ ގޮތުގެ މައުލޫމާތު ދީފަ އެވެ.

"އަހަރެމެން އިދިކޮޅަށް ކުޅޭ ކޮންމެ ޓީމެއް ވެސް އަހަރެން ދިރާސާކުރަން. މެޗު ކުޅުމުގެ ކުރިން އެ ޓީމެއްގެ ހުރިހާ ތަމްރީންތަކެއް ވެސް ބަލަން. އަހަރެން (މި ވާހަކަ މި ހިއްސާކުރީ) ތަހުގީގަށް ފަސޭހަކޮށްދޭން،" އޭނާ ބުންޏެވެ.

ޑާބީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ބިއެލްސާގެ ކިބައިގައި ކުޅިވަރުގެ ރޫހު ހުރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އެކަމަކު ބިއެލްސާ ބުނީ އެކަން އޭނާ ކުރީ އެއީ ގާނޫނާ ހިލާފު ކަމަކަށް ނުވާތީ ކަމަށާއި ބޭއިންސާފު ފައިދާއެއް ނަގަން އޭނާ މަސައްކަތްކޮށްފައިނުވާނެ ކަމަށެވެ. އަދި އެފްއޭ އިން ދޭނެ އަދަބަކަށް އިހުތިރާމްކުރާނެ ކަމަށް ބުންޏެވެ.

އިންގްލެންޑުގެ ކުރީގެ ފޯވާޑް އެލަން ޝިއެރާ ބުނީ ބިއެލްސާ އެކުރީ އާކަމެއް ނޫން ކަމަށާއި އެކަމަކު އެއީ ކަނޑައެޅިގެން ގޯސް ކަމެއް ކަމަށެވެ.

"ޔޫރަޕުގެ މުބާރާތުގައި ކުޅޭއިރު، މެޗުގެ ކުރީރޭ މެޗު ސްޓޭޑިއަމުގައި ތަމްރީން ހަދާއިރު ޔަގީންވާނެ އިދިކޮޅު ޓީމުގެ މީހަކު ބަލަން ހުންނާނެކަން. އެކަމަކު ބަޔެއްގެ ޕްރައިވެޓް ތަމްރީންތަކަށް ދައުވަތު ނުދެނީސް ދެވިގެން ނުވާނެ އަދި ގޮސް މައުލޫމާތު މި ނަގަނީ،" ޝިއެރާ ބުންޏެވެ.

ހައި ޕްރެސިން އެޓޭކިން ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ބިއެލްސާ ވަނީ އާޖެންޓީނާ، ޗިލީ، އެތުލެޓިކް ބިލްބާއޯ އަދި އޮލިމްޕިކް މާސޭ އަށް ކޯޗުކޮށްދީފަ އެވެ. މާބޮޑު ކާމިޔާބެއް ލިބިފައި ނެތަސް އޭނާ އަކީ ޓެކްޓިކަލީ ތަފާތު މޮޅު ކޯޗެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ މައުރޯސިއޯ ޕޮޗެޓީނޯ އަދި އެތުލެޓިކޯ މެޑްރިޑުގެ ޑިއެގޯ ސިމިއޯނީ އަކީ ބިއެލްސާ އަށް ވަރަށް ތާއީދުކުރާ އަދި އޭނާގެ ކިބައިން ފިލާވަޅު ނަގާ ކޯޗުންނެވެ.

ސްޕެނިޝް ކަޕުގެ ފައިނަލުން 2012 ވަނަ އަހަރު ގާޑިއޯލާގެ ބާސެލޯނާ އިން ބިއެލްސާގެ އެތުލެޓިކް ބިލްބާއޯ ބަލިކުރުމަށް ފަހު މެޗަށް ބިއެލްސާ ވަނީ ބާސެލޯނާގެ ޓީމަށް އޭނާ ހެދި ޓެކްނިކަލް އެނެލައިސިސް ދައްކާލައިފަ އެވެ. އެ ބެލުމަށް ފަހު ގާޑިއޯލާ ބުނީ އޭނާ އަށް ވުރެ ބޮޑަށް ބިއެލްސާ ބާސެލޯނާ ދަސްކޮށްފައިވާ ކަމަށެވެ.

އިނގިރޭސި ފުޓްބޯޅައިގެ ކުރީގެ މަޝްހޫރު ނަމެއް ކަމަށްވާ ލީޑްސް ޔުނައިޓެޑާ މި ސީޒަނުގައި ހަވާލުވެ ބިއެލްސާ ތަފާތު ދައްކަމުން އަންނައިރު ލީޑްސް އޮތީ 15 އަހަރަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމާ ގާތުގަ އެވެ.