މެޑްރިޑް ކުއާޓާ އަށް، އެތުލެޓިކޯ ކަޓައިފި
މެޑްރިޑް ކުއާޓާ އަށް، އެތުލެޓިކޯ ކަޓައިފި

މެޑްރިޑް (ޖެނުއަރީ 17) – ލެގަނޭސް އަތުން 1-0 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައި ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކުރިއިރު، ޖިރޯނާއާ 3-3 އިން އެއްވަރުވެ އެތުލެޓިކޯ މެޑްރިޑް ކަޓައިފި އެވެ.

ރެއާލް މެޑްރިޑް ވަނީ ފުރަތަމަ ލެގުން ލެގަނޭސް އަތުން 3-0 އިން މޮޅުވެފަ އެވެ. އެހެންވެ ރޭ ރަށުން ބޭރުގައި ބަލިވި ނަމަވެސް މެޑްރިޑް ކުއާޓާ ފައިނަލަށް ދިޔައީ 3-1 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

މި އަހަރު ރެއާލް މެޑްރިޑް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. ހުލެން ލޮޕެޓީގުގެ ބަދަލުގައި ގެނައި ސެންޓިއާގޯ ސޮލާރީ އަށް ވެސް މާ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. އެކަމަކު މި ސީޒަނުގެ ނިޔަލަށް އޭނާ ބަހައްޓާނެ ކަމަށްވެ އެވެ.

ސޮލާރީ ހަވާލުވެ އިސްކޯ އަށް ފުރުސަތު ނުދޭތީ ގުޅުން ގޯސްވެފައިވީ ނަމަވެސް ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ހިމެނި އެވެ. އެކަމަކު އިސްކޯ އަށް ރަނގަޅު ކުޅުމެއް ނުދެއްކި އެންމެ ފަހުން ބަދަލުކުރީ އެވެ.

އެތުލެޓިކޯ މެޑްރިޑް ކެޓީ ޖިރޯނާއާ 3-3 އިން އެއްވަރުގެ ރަށުން ބޭރުގައި ޖެހި ލަނޑުން ޖިރޯނާ އަށް ކުރި ލިބުމުންނެވެ. ޖިރޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވީ އެވެ. ރޭ އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗުގައި ޖެހި ތިން ގޯލާ އެކު ޖިރޯނާ އަށް ކުރި ލިބުނީ އެވެ.

ރޭ ސެވިއްޔާ ވަނީ އެތުލެޓިކް ބިލްބާއޯ 1-0 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 3-2 އިން ކުރި ހޯދައި ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. ފުރަތަމަ ލެގު ސެވިއްޔާ ކާމިޔާބުކުރީ 3-1 އިންނެވެ.

ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ބާސެލޯނާ އިން މިރޭ އަމިއްލަ ދަނޑުގައި ލެވަންޓޭއާ ދެކޮޅަށް ކުޅޭނެ އެވެ. ލެވަންޓޭގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކުރީ އެ ޓީމެވެ.