ދޭތެރެ ދުރުކުރުމުގެ އާ ވަސީލަތެއް އީޖާދުކޮށްފި
ދޭތެރެ ދުރުކުރުމުގެ އާ ވަސީލަތެއް އީޖާދުކޮށްފި

އަންހެނުން ދަރިމައިވުން ހުއްޓުވަން މަސް ދުވަހަށް ބޭނުންވާ ހޯމޯން އިންޖެކްޓްކޮށްދޭ، ގައިގައި ތަތްކޮށްލާ ޕެޗެއް އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން އީޖާދުކޮށްފި އެވެ.

އެންބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ހަމުގެ ތެރެއަށް ވަރަށް ލަސްލަހުން ވިރިގެންދާ ވަރަށް ކުދި [މައިކްރޯ] ކަށިތަކެއް ހުންނަ ޕެޗެކެވެ. މި ކަށިތަކުން، މަސް ދުވަހަށް ބޭނުންވާ، ބަލިވެ އިނުން މަނާކުރާ ހޯމޯން ހަށިގަނޑަށް ފޮނުވަ އެވެ.

މި އީޖާދުކުރި ޖޯޖިއާ ޓެކް ޓީމުން ބުނީ މި ޕެޗް ބޭނުންކުރަން ޑޮކްޓަރަށް ދައްކަން ކޮންމެހެން ނުޖެހޭނެ ކަމަށެވެ.

"ދޭތެރެ ދުރުކުރުމަށް، ދިގު މުއްދަތަށް ބޭނުންކުރެވޭ ވަސީލަތެއް އުފެއްދުމަކީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމެއް،" ބަޔޯއިންޖިނިއަރިން ޕްރޮގްރާމްގެ ޕްރޮފެސަރު މާކް ޕްރައުޒްނިޓްޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އުފެއްދުމުގެ ބޭނުމަކީ ދޭތެރެދުރުކުރުމުގެ ވަސީލަތް އަންހެނުންނަށް ފަސޭހަކާ އެކު ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށެވެ. އެގޮތުން މިއީ އެންމެ ފަސް ސިކުންތު ތެރޭގައި އަޅާލެވޭނެ ޕެޗެއް ކަމަށާއި ބޭނުންކުރަން ޖެހޭނީ މަހަކު އެއްފަހަރު ކަމަށް ވިދާޅުވި އެވެ.

މި އުފެއްދުމާ ބެހޭ ދިރާސާ ނޭޗާ ބަޔޯމެޑިކަލް އިންޖިނިއަރިން ޖާނަލްގެ މި މަހުގެ 14 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ. އޭގައި ބުނެފައިވާ ގޮތުން މި ޕެޗް މީދަލުގައި ބޭނުންކުރުމުން މަސް ދުވަހަށް ބޭނުންވާ ހޯމޯން އެކަށީގެންވާ މިންވަރަށް މުޅި މަސް ދުވަހަށްވާ ގޮތަށް ފޯރުކޮށްދެ އެވެ. ނަމަވެސް މި ޕެޗް އިންސާނުންގެ ހަށިގަނޑުގައި މަސައްކަތްކުރާ ގޮތް އަދި ޓެސްޓެއް ނުކުރެ އެވެ.