17 ޖެނުއަރީ 2019 - 11:28

ހުރިހާ ކަމެއްގައި ވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށާއި އެއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު ޝިިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވީ، މާލެ ސިޓީގެ އަންހެނުން ތަރައްގީ ކުރާ ކޮމިޓީގެ ތިންވަނަ ދައުރުގެ އިންތިހާބީ މެމްބަރުން އިގުރާރުކުރުމަށް ރަސްފަންނުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
"ދުނިޔޭގެ އާބާދީގަ އާއި ރާއްޖޭގެ އާބާދީގައި 50 އިންސައްތަ އަންހެނުން ހިއްސާކުރާ އިރު، އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭ ތޯ މިއަދު ސުވާލަކަށް ވެސް ވެގެން ނުވާނެ،" ޝިދާތާ ވިދާޅުވި އެވެ.
މީގެ އިތުރުން އަންހެނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ ތެރޭގައި އިންތިހާބުތަކުގައި ވާދަކުރުމުގައި ދިމާވާ ދަތިތައް ޝިދާތާ ފާހަގަކުރެއްވި އެވެ. އަދި ބޮޑެތި ނިންމުންތަކުގައި އަންހެނުންގެ ހިއްސާ ކުޑަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ހަރަކާތްތަކުގައި ގިނަ އަންހެނުން ބައިވެރިވި ކަމުގައި ވިޔަސް، ހަގީގަތުގައި ސިޔާސީ މަގާމުތަކުގައި މި ނިސްބަތް ދަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވީ އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރެވިއްޖެ ނަމަ މުޅި މުޖްތަމައު އަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އަދި އަންހެނުންގެ ޒިންމާތަކާ މެދު މުޖްތަމައުން އާއްމުކޮށް ދެކޭގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރި ބަޔަކަށް ވެއްޖެ ނަމަ، އެކަމުގެ ފައިދާ ފިރިހެނުންނަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ކުރާނެ،" އޭނާ ވިދާޅުވި އެވެ.