18 ޖެނުއަރީ 2019 - 07:54

މި އަހަރު ރިލީޒްވާން ހުރި އެންމެ އުންމީދީ ފިލްމުތަކުގެ ތެރެއިން އެއް ފިލްމަކީ ސަލްމާން ހާންގެ "ބާރަތު" އެވެ.
އަންނަ ފިތުރު އީދު ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމުގެ ފަހު ޝޫޓިން ޝެޑިއުލް މިހާރު ކުރިއަށްދާ އިރު ބެލެވޭ ގޮތުން ދެން މާ ލަހެއް، ނުވެ ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ވެސް ދައްކައިލާނެ އެވެ.
އެކަހަލަ އިޝާރާތެއް ޕްރޮޑިއުސަރު އަތުލް އަގްނިހޯތުރީ ވަނީ ދީފަ އެވެ. ކުޑަކުޑަ ވީޑިއޯކޮޅަކާ އެކު އޭނާ ކުރި ޓްވީޓެއްގައި ބުނީ "ބާރަތު" ގެ ޓީޒާ ޓްރެއިލާގެ ކައުންޓްޑައުން މިހާރު ގުނަން ފަށައިފި ކަމަށެވެ.
މި ފިލްމަކީ 2017 ގައި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސަލްމާނާއި ކެޓްރީނާ ކެއިފްގެ "ޓައިގާ ޒިންދާ ހޭ" އަށް ފަހު، އޭގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ހަމަ އެ ދެ ތަރިން ލީޑަށް ލައިގެން ގެނެސްދޭ ފިލްމެކެވެ.
"ބާރަތު" ގެ އިތުރު ކާސްޓުންގެ ތެރޭގައި ތައްބޫ، ޖެކީ ޝްރޮފް، ޑިޝާ ޕަޓްނީ، ސުނިލް ގްރޯވާ، ނޯރާ ފަތެހީ އަދި ސަތިޝް ކޯޝިކް ހިމެނެ އެވެ.
މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުމަކުން ވަރުން ދަން ވެސް ފެނިގެން ދާނެ އެވެ.
ސްޓާ ޕްލަސް އިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ސުނިލް ގްރޯވާ (ޑރ. މަޝްހު ގްލާޓީ) އާ އެކު ގެނެސް ދޭން ފެށީ ކޮމެޑީ ޝޯ "ކާންޕޫރް ވާލޭ ކުރާނާސް" ނިމުމަކަށް ގެނެސްފި އެވެ.
އެންމެ 8 އެޕިސޯޑަށް ފަހު، ޝޯ ނިންމައި މި ހަފުތާގަ އެވެ.
ސުނިލް ބުނި ގޮތުގައި ޝޯ ފެށި އިރު ވެސް ގެނެސް ދޭން ނިންމާފައި އޮތީ 8 އެޕިސޑެވެ. އޭނާ ބުނި ގޮތުގައި ސަލްމާނާ އެކު ކުޅެމުން އަންނަ "ބާރަތު" ގެ ފަހު ޝޫޓިން ޝެޑިއުލް ވެސް މިހާރު ވަރަށް ބާރަށް ކުރިއަށްދާތީ އެ ފިލްމަށް ވަގުތު ދެމުން އިތުރު ކަމެއް ނުކުރެވޭނެ އެވެ.
އެހެންވެ ދެން "ކާންޕޫރް ވާލޭ ކުރާނާސް" ގެ އިތުރު ސީޒަނެއް ގެނެސް ދޭނެ އިރެއް ނޭނގެ އެވެ.
މި ޝޯއަކީ ސޮނީ ޓީވިން މިހާރު ގެނެސްދޭ "ދަ ކަޕިލް ޝަރުމާ ޝޯ" އާ ދާދި އެއް ކަހަލަ ގޮތަކަށް ގެނެސް ދިން ޝޯއެކެވެ. އަދި ޝޯގައި ސުނިލްއާ އެކު މަސައްކަތްކޮށްފައި ވަނީ ވެސް ކަޕިލްގެ ޝޯގެ ބައިވެރިންނެވެ. ކަޕިލްގެ ޝޯ މިހާރު އޮތީ އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ ޝޯތަކުގެ އެއް ވަނައިގެ މަގާމުގަ އެވެ.
ހަދަން ކިޔާތާ އެތައް އަހަރެއްވެފައިވާ ފިލްމު "މިލަން ޓޯކިސް" އެންމެ ފަހުން މުޅިން ތަފާތު ކާސްޓަކާ އެކު ނިންމައި އަންނަ މާޗް މަހުގެ 15 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ފިލްމަކީ އެންމެ ފުރަތަމަ މިހާރު ފިލްމުތަކުން ގެއްލިފައިވާ އެކްޓަރު އިމްރާން ހާނާއި ޕްރިޔަންކާ ޗޯޕްޅާ ކުޅެން އޮތް ފިލްމެކެވެ. އެކަމަކު އެކި ފަހަރު މަތިން ތަރިން ބަދަލުވަމުން ގޮސް މި ފިލްމު ސިނަމާތަކަށް މި އަންނަނީ ލޯބިވެރިޔާ އަދި ބަތަލާ ރިޗާ ޗައްޑާއާ އެކު ރާއްޖޭގައި ދާދި ފަހުން ޗުއްޓީ ހޭދަ ކުރި އަލީ ފަޒަލް އާއި ޝްރަދާ ސްރިނަތު އަދި ރީޗާ ސިންހާއާ އެކުގަ އެވެ.
ޓިގްމަންޝޫ ދޫލިއާ ޑައިރެކްޓްކޮށްފައިވާ "މިލަން ޓޯކީޒް" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަޝުތޯޝް ރާނާ، ސަންޖޭ މިޝްރާ އަދި ސިކަންދަރު ކޭރް ހިމެނެ އެވެ.
މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރި ވިކީ ކޯޝަލްގެ ފިލްމު "އުރީ: ދާ ސާޖިކަލް ސްޓްރައިކް" އަކީ މި އަހަރުގެ ފުރަތަމަ ހިޓް ކަމަށާއި މިއީ ރަނގަޅު ފެށުމެއް ކަމަށް ކްރިޓިކުން ބުނެފި އެވެ.
މި ފިލްމަކީ 2016 ވަނަ އަހަރު ކަޝްމީރުގެ އުރީގައި ހަދާފައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ޕާކިސްތާނުގެ ޓެރިސްޓުންތަކެއް ދިން ހަމަލާގައި އިންޑިއާގެ 19 ވަރަކަށް ސިފައިންގެ އޮފިސަރުން މަރައިލި ހާދިސާއާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާ އިން ރައްދެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ސާޖިކަލް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
އަދިތިޔާ ދާރް ލިޔެ، ޑައިރެކްޓްކޮށްފައިވާ "އުރީ" ގައި މައިގަނޑު ކާސްޓުންނަކީ ވިކީއާ އެކު ޔާމީ ގޯތަމް، މޯހިތު ރައިނާ، ކިރިތީ ކުލްހާރީ އަދި ޕަރޭޝް ރާވަލް އެވެ.
މި ފިލްމަށް ބުރާސްފަތި ދުވަހާ ހަމައަށް އިންޑިއާ އާއި އިންޑިއާގެ ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ވަނީ ޖުމްލަ 80.19 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.