22 އޯގަސްޓް 2016 - 12:11

މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެ އަށް ކުރި ގަދަ ވިއްސާރައިގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ތ. ތިމަރަފުށީގެ ގެތަކަށް ސަރުކާރުން އެހީ ދޭން ފަށައިފި އެވެ.

އެ ވިއްސާރައިގައި ތިމަރަފުށީގެ 70 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. އެހީ ދޭން މި ފެށީ ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ޑިޒާސްޓާ މެނޭޖްމެންޓާއި ފުލުހުންނާއި އެ ރަށު ކައުންސިލުން ހެދި އެސެސްމެންޓަށް ބަލައިގެންނެވެ.
ތިމަރަފުށީ ކައުންސިލްގެ ރައީސް ހުސެން ޝަރީފް ވިދާޅުވީ އެހީގެ ގޮތުގައި ބައެއް ގެތަކަށް 70،000-60،000 ރުފިޔާ ލިބުނު އިރު ބައެއް ގެތަކަށް 5،000 ރުފިޔާ ލިބުނު ކަމަށެވެ. އެހީ ދެމުން އަންނަނީ ފިނޭންސް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް، ކޮންމެ ގެއަކަށް ލިބުނު ގެއްލުމަށް ބަލައިގެންނެވެ.
ވިއްސާރައިގައި ފެން ބޮޑުވެ، ތިމަރަފުށީގެ ބައެއް ގެތަކުގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އެއްކޮށްހެން ވަނީ ހަލާކުވެފަ އެވެ. އަދި ބައެއް ގެތަކުގެ ފާރު ވެއްޓި، އިމާރާތަށް ވެސް ގެއްލުން ލިބިފައި ވެ އެވެ.
ޝަރީފް ވިދާޅުވީ ފަންސާހަކަށް ގެއަށް މިހާރު އެހީ ދީފައިވާ ކަމަށެވެ.
"މިއަދު ހުރިހާ ގެއަކަށް ފައިސާ ދީ ނިމޭނެ ކަމަށް ބެލެވެނީ. މިކަން ނިމުމުން ފިނޭންސުން ފައިސާ ދިން ގޮތުގެ ރިޕޯޓު ކައުންސިލަށް ހުށަހަޅާނެ،" އޭނާ ވިދާޅުވި އެވެ.
ވިއްސާރައިގައި ތިމަރަފުށީގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި ފެން ބޮޑުވެ، ގޭގެ އަށް ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ރަށަށެވެ.