17 ޖެނުއަރީ 2019 - 00:10

މީގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުތަކުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ނުލިބުމުން ދެން ކަންތައް ވި ގޮތް ރައްޔިތުންނަށް ރަނގަޅަށް އެނގޭ ކަަމަށާއި އެހެންވެ އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިހުގެ އިންތިޚާބުގައި ރައްޔިތުން އެ ޕާޓީ އަށް އެ އަޣުލަބިއްޔަތު ދޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުންތަކެއް ކަނޑައެޅުމަށް އަންނަ ހުކުރު ދުވަހު ބާއްވާ ޕްރައިމަރީގައި މާފަންނު މެދު ދާއިރާ އަށް ކުރިމަތިލައްވާ ހަތަރު ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، މީގެ ކުރިން ބޭއްވި މަޖިލިސް އިންތިޚާބުތަކުގައި ދިމާވި ކަންތައްތަކުން ރައްޔިތުން ތިބީ ހޭލައި ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ތިބީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ދޭން ތައްޔާރަށް ތިބި ކަމުގެ އަޑުތައް އިވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދިވެހި ހުރިހާ ރައްޔިތުން ވެސް ތިބީ އެގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މަޖިލިސް 19 ވެގެން ދާނީ އެމްޑީޕީގެ މަޖިލީހަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެމްޑީޕީ ކާމިޔާބު ކުރުމަށް ފަހު، މާލެ އަށް ދިމާވާ ކިތަންމެ މައްސަލައަކަށް ހައްލެއް ގެނެސްދޭނެ އެވެ. އޭގެ ތެރޭގައި ގެދޮރުގެ މައްސަލަ އާއި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ކަރަންޓުގެ މައްސަލަ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި 87 ދާއިރާ އަކަށް 280 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އެ ޕްރައިމަރީގައި 86،091 މީހުންނަށް ވޯޓުލެވޭނެ އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް މީހުން އިޖާބަދޭ މިންވަރު، އެ ޕާޓީއާ ގުޅޭ މީހުންގެ އަދަދުން ކަށަވަރުވާ ކަމަށެވެ.
އެމްޑީޕީން އިންތިޚާބު ކާމިޔާބު ކުރާނީ މާ ބޮޑު އަޣުލަބިއްޔަތަކުން ކަމަށާއި ދާއިރާއަކަށް ފަހު ދާއިރާއެއް، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެ ޕާޓީން ނަގާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.