16 ޖެނުއަރީ 2019 - 19:58

ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަދީފައިވާ 12 ހައުސިން ޕްރޮޖެކްޓް ފިޔަވާ އިތުރު ތަންތަނުން ހައުސިން ޔުނިޓް ވިއްކުމަކީ މަނާ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެޗްޑީސީން އާންމުކޮށް ކުރި އިއުލާނުގައި ބުނެފައިވަނީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އެޗްޑީސީން ތަރައްގީ ކުރާ ތަންތަން ކަމުގައިވާ އެއްމެދު އިމާރާތް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން "ޑިވެލޮޕްމެންޓް އެންޑް ސޭލް ރައިޓްސް" ގެ ދަށުން އިމާރާތް ކުރާ ފަރާތްތަކުން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުސޫލުގެ މަތިން ވަކި މިންވަރަކަށް އިމާރާތް ތަރައްގީކޮށް ނިމުމުން ކަމަށެވެ.
މިހާރު އޮންނަ އުސޫލުގެ ތެރެއިން ފްލެޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ 20 ޕަސެންޓް މަސައްކަތް ނިމުމުންނެވެ.
އެހެން ކަމުން ކަނޑައެޅިފައިވާ މިންވަރަށް އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި ބުކިން ފީގެ ގޮތުގައި ހުއްދަކުރެވިފައިވާ މިންވަރަށް ވުރެ އިތުރަށް ނެގުމަކީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
މިގޮތަށް އިމާރާތްތަކުން ހައުސިން ޔުނިޓް ގަތުމުގެ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން އެޗްޑީސީގެ ސޭލްސް އެޕްރޫވަލް ދީފައިވާ ލިޔުމާއި ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓަށް އެކޯޕަރޭޝަންގެ ހުއްދަދީފައިވޭތޯ ޔަގީން ކުރުމަށް އެ ކޯޕަރޭޝަނުން އެދިފައިވެ އެވެ.
1. އަމީން ބިލްޑްވެއާ ޕްރައިވެޓް ލިމިޑެޓް
2. ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް
3. ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް
4. އެންސިސް ފިޝަރީސް ޕްރައިވެޓް ލިމިޑެޓް
5. އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޑެޓް
6. ރެއިންބޯ ކޮންސްޓްރަކްޝަން ކޮމްޕެނީ
7. ރެއިންބޯ ސިންގަލް ޑިވެލޮޕާސް ޕްރައިވެޓް ލިމިޑެޓް
8. ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓް
9. ޖަވާހިރު އިލެވެން ޕްރައިވެޓް ލިމިޑެޓް
10. ގްލަޓް ޕްރައިވެޓް ލިމިޑެޓް
11. ރިނާޓަސް ޕްރައިވެޓް ލިމިޑެޓް
12. އިނޯކާ ޕްރައިވެޓް ލިމިޑެޓް
މި ކުންފުނިތަކަށް ހުއްދަ ދިން ނަމަވެސް ލަކީހިޔާ އާއި އަކުއާ ވީޓާ ރެޒިޑެންސީ ފަދަ ކުންފުނިތަކުން ވަނީ ހައުސިން ޔުނިޓް ވިއްކުމަށް އިއުލާނުކޮށްފަ އެވެ. އެޗްޑީސީން ހާމަކޮށްފައިވާ ލިސްޓުގައި މި ދެ ކުންފުނީގެ ނަން ނުހިމެނެ އެވެ.