އެމެޒޯންގައި ނާށި ވިއްކަނީ
އެމެޒޯންގައި ނާށި ވިއްކަނީ

ކާށި ބޭނުންކޮށްފައި އޭގެ ނާށި އެއްލައިލަންވީ އެވެ. އެކަމަކު މީގެ ބޭނުން ފައިދާހުރި ގޮތުގައި ހިފާ މީހުން ވެސް އެބަ އުޅެ އެވެ. އެގޮތުން، މަޝްހޫރު އޮންލައިން ފިހާރަ އެމެޒޯންގައި ވެސް ނާށި އެބަ ވިއްކަ އެވެ. އެހެންވެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ލިބިފަ އެވެ.

އިންޑިއާގެ ނޫސްތަކުން މިކަން ވަރަށް ބޮޑަށް އަންނަނީ ފާހަގަކުރަމުންނެވެ.

ބައެއް މީހުން އެމެޒޯންގެ ވެބްސައިޓްގައި ކޮކޮނަޓް ޝެލް ކަޕް ނުވަތަ ނާށި ވިއްކަން ކޮށްފައި ހުރި އިޝްތިހާރުތަކުގެ ސްކްރީންޝޮޓްތައް ނަގައި، ޓްވީޓާގައި އަންނަނީ އެކި ޝުއޫރު ފާޅު ކުރަމުންނެވެ.

އެމެޒޯންގައި ނާށި ވިއްކަން ހުރި އަގުތައް އުޅެނީ 1،289-2،499 ރުޕީސްއާ ދެމެދުގަ އެވެ.

އެހާ ބޮޑު އަގުގައި ނާށި ވިއްކާކަން އެނގުމުން ބައެއް މީހުން ބުނީ އެމެޒޯން އިން ނާށި ބޭނުން ނަމަ އިންޑިއާގެ ކެރެލާ ސްޓޭޓުން ބޭނުން ވަރަކަށް ނާށި ލިބިދާނެ ކަމަށާއި އެ ސްޓޭޓަށް މިހާރު ނާށި ވިއްކައިގެން މުއްސަނދި ވެސް ވެވިދާނެ ކަމަށެވެ.

ކެރެލާ ފާހަގަ ކުރެވިފައި ވަނީ ރުއް ގިނަ ސަރަހައްދެއްގެ ގޮތުގަ އެވެ. އަދި އެ ތަނުގެ ކާނާގައި ކާއްޓަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ.

ޓްވިޓާގައި ހިޔާލު ފާޅު ކުރި އެއް ބަޔަކު ބުނެފައިވާ ގޮތުގައި ބޭނުމެއް ނެތް އެއްޗެއްގެ ގޮތުގައި ނާށި އުކައިލުމުގެ ކުރިން ދެން ދެވަނަ ވިސްނުމަކަށް ދާން ޖެހޭނެ އެވެ. އަދި ނާއްޓަކީ ވެސް އަގުހުރި އެއްޗެއްކަން އެމެޒޯން އިން ސާބިތުކޮށް ދީފި ކަމަށާއި މިއީ ސާބަސް ދޭން ޖެހޭ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ބައެއް މީހުން ވަނީ އެހާ ބޮޑުގައި ނާށި ގަންނާނީ މޮޔައިން ކަމަށް ބުނެ އެކަމަށް ޖޯކު ވެސް ޖަހައިފަ އެވެ. ނާއްޓަކީ ސްވެނިއާ ކަހަލަ އެއްޗެހި ވެސް ތައްތާރު ކުރަން ބޭނުން ކުރާ ރޯ މެޓީރިއަލްއަކަށްވާތީ ނާށީގައި އަގެއް ހުރުމަކީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ.