އިޒްރޭލް ބައިވެރިވާ އެއްވެސް އިވެންޓެއް މެލޭޝިއާގައި ނުބާއްވާނެ
އިޒްރޭލް ބައިވެރިވާ އެއްވެސް އިވެންޓެއް މެލޭޝިއާގައި ނުބާއްވާނެ

ކުއާލަ ލަމްޕޫރު (ޖެނުއަރީ 17) - އިޒްރޭލް ބައިވެރިވާ އެއްވެސް އިވެންޓެއް މެލޭޝިއާގައި ނުބާއްވާނެ ކަމަށް ފޮރިން މިނިސްޓަރު ސައިފުއްދީން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މެލޭޝިއާގައި ބާއްވާ ފެތުމުގެ މުބާރާތެއްގައި އިޒްރޭލުގެ އެތުލީޓުން ބައިވެރިވުން މަނާކޮށްފައި އޮތް އޮތުމަށް ބަދަލެއް ނުގެންނާނެ ކަމަށެވެ. ޖުލައި މަހު ބާއްވާ ފެތުމުގެ އިވެންޓަކީ 2020 ވަނަ އަހަރު ޓޯކިޔޯގައި ބާއްވާ ޕެރަލިމްޕިކްސްގެ ކޮލިފައިން އިވެންޓެކެވެ.

ސައިފުއްދީން ވިދާޅުވީ ކުޅިވަރުގެ ހަރަކާތަކަށް ނުވަތަ އެ ނޫންވެސް އިވެންޓަކަށް އިޒްރޭލުގެ އެކަކު ވެސް މެލޭޝިއާ އަށް އެތެރެވުމުގެ ހުއްދަ ނުދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި އިޒްރޭލް ބައިވެރިވާ އެއްވެސް އިވެންޓެއް މީގެ ފަހުން މެލޭޝިއާގައި ނުބާއްވަން ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިއާ އަކީ ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ. އިޒްރޭލާ ސިޔާސީ ގުޅުން މެލޭޝިއާ އިން ގާއިމްކޮށްފައެއް ނުވެ އެވެ. ހުޅަނގު ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަންނަން ނިންމާފައިވާ ކަމަށް އޮސްޓްރޭލިއާ އިން މިދިޔަ މަހު ބުނުމާ ގުޅިގެން މެލޭޝިއާ އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

ދެ ދައުލަތް އުފައްދައިގެން ފަލަސްތީން-އިޒްރޭލް މައްސަލަ އަށް ހައްލު ހޯދަން ކުރާ މަސައްކަތަށް މެލޭޝިއާ އިން ދެކޮޅު ހަދަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ހުރަސް އަޅާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.