16 ޖެނުއަރީ 2019 - 17:00

ކުރީގެ އެމްއާރްޑީސީގެ މުވައްޒަފުންނާ މެދު ހަ މަސް ދުވަސް ތެރޭ ގޮތެއް ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް ވިދާޅުވީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ މުވައްޒަފުންނަށް ހަދާނެ ގޮތެއް އަދި މިހާތަނަށް ނުނިންމާ ކަމަށާއި އެހެން ނަމަވެސް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކުއްލިއަކަށް ކަނޑާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. މިހާރުގެ އެގްރީމެންޓް ހަ މަސް ދުވަހަށް އިތުރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންނާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ އެމްއާރްޑީސީގެ މުވައްޒަފުންނާ މެދު ގޮތެއް ނިންމާފައިނުވާ އިރު އެތަނުގައި މަސައްކަތް ކުރި 709 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު ތިބެން ޖެހިފައި ވަނީ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމްއާރްޑީސީ އުވާލާ، ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަންގެ ދަށަށް އެ ތަނުގައި މަސައްކަތް ކުރި މުވައްޒަފުން ބަދަލުކޮށްފައިވެ އެވެ. އެއީ 463 ދިވެހިންނާއި 246 ބިދޭސީންނެވެ. އެއްބަސްވުމެއްގެ ދަށުން މުވައްޒަފުން މަސައްކަތްތައް ބަދަލުވެގެން ދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ކުރީގެ އެމްއާރްޑީސީގެ މުވައްޒަފަކު ބުނީ، މިސަރުކާރުގެ ތެރެއިން ހައްލެއް ލިބޭތޯ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ. މުވައްޒަފުން ބޭނުންވަނީ ވަޒީފާގެ ޔަގީންކަން ލިބޭނެ ފަދަ ގޮތެއް ވީހާވެސް އަވަހަކަށް ވުން ކަމަށް އޭނާ ބުންޏެވެ.
މި ހުރިހާ މުވައްޒަފުންގެ ވެސް ކޮންޓްރެކްޓް ހަމަ ވާނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހަށެވެ.