ތާހިރާ ކޭޝަޕް ކުރާނާގެ ފިލްމަކީ "ޝަރްމާ ޖީ ކީ ބޭޓީ"
ތާހިރާ ކޭޝަޕް ކުރާނާގެ ފިލްމަކީ "ޝަރްމާ ޖީ ކީ ބޭޓީ"

އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން އަދި ލިޔުންތެރިޔާ ތާހިޝާ ކެޝަޕް ކުރާނާ އަށް މިދިޔަ އަހަރު އުރަމަތީގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ، އޭނާ ޑައިރެކްޓްކުރާ އަލަތު ފީޗާ ފިލްމު އިއުލާންކުރި ތަނާ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް، ތާހިރާގެ ބައްޔާ އެކު މަޑު ޖެހުމަކަށް އަޔަސް މިހާރު ހުރީ ފިލްމާ ބެހޭ އާ ވާހަތަކެވެ. އަނެއްކޮޅުން އުރަމަތީގެ ކެންސަރަށް ނެގި ކީމޯ ތެރަޕީ ފަރުވާ ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

އެހެންވެ ދެން މާ ލަސްތަކެއް ނުވެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ގަބޫލު ކުރެ އެވެ.

ބޮލީވުޑް ހަންގާމާއިން ބުނި ގޮތުގައި ތާހިރާ ލިޔެ، ޑައިރެކްޓްކުރާ ފިލްމަށް ދީފައިވާ ނަމަކީ "ޝަރުމާ ޖީ ކީ ބޭޓީ" އެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަށް މަދޫރީ ޑިކްސިޓް ވަނީ ސޮއިކޮށްފަ އެވެެ. ފިލްމާ ބެހޭ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން މީގެ ރޯލަކަށް ސައްޔާމީ ކޭރް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އޭނާއަކީ 2016 ވަނަ އަހަރު އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރާ އެކު ފިިލްމު "މިރްޒިޔާ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. ފިލްމަށް މަދޫރީ އާއި ސައްޔާމީ ސޮއިކުރި ކަމަށް ބުންޏަސް މިކަން އަދި ރަަސްމީކޮށް ކަށަވަރެއް ނުވެ އެވެ.

ބޮލީވުޑް ހަންގާމާއިން ބުނި ގޮތުގައި "ޝަރުމާ ޖީ ކީ ބޭޓީ" ގައި ކިޔައި ދެނީ ވަރަށް އާބަން މި ޒަމާނުގެ އާއިލީ ވާހަކައެކެވެ. ހާއްސަކޮށް މަޔަކާއި އަންހެން ދަރިއަކާ އޮންނަ ގުޅުމުގެ ވާހަކަ އެވެ. އެ ނޫހުން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން އަންނަ މާޗް ހިސާބުގައި ފަށާނެ އެވެ.

ތާހިރާ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން ނުކުންނަ އިރު، ޑައިރެކްޝަނަށް އޭނާ އަލެއް ނޫނެވެ. "ޓޮފީ" ގެ ނަމުގައި އޭނާ ވަނީ ކުރިން ކުޑަ ދެ އަންހެން ކުދިންގެ ވާހަކަ ކިިޔައިދޭ ކުރު ފިލްމެއް ހަދައިފަ އެވެ.

މަދޫރީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 22 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އެވެ. މިއީ 2014 ގެ ފަހުން އޭނާ ހިންދީ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ.