16 ޖެނުއަރީ 2019 - 15:40

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އާންމުން ހޭލުންތެރި ކުރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކެމްޕެއިނެއް ފަށައިފި އެވެ.
އެޗްއާރްސީއެމްގެ އެޑްވޮކަސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރު އާއިޝަތު ޝިފާނާ "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކެމްޕެއިންގެ މަގުސަދަކީ ވޯޓްލުމުގެ ހައްގަށް މީހުން ހޭލުންތެރިކުރުވައި ޒިންމާދާރު ކަމާ އެކު ވޯޓުލުމަށް ބާރުއެޅުން ކަމަށެވެ. އަންހެން ކެންޑިޑޭޓުންނަށް ފުރުސަތު ފުޅާކުރުމަކީ މި ކެމްޕޭނުގެ އެއް ބޭނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައިގަނޑު ގޮތެއްގައި މީޑިއާ މެދުވެރިކޮށް މި ކެމްޕެއިން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ. އެގޮތުން އެޗްއާރްސީއެމްގެ ފޭސްބުކް، ޓްވިޓަ އަދި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް. މީގެ އިތުރުން އަލަށް ވޯޓުލާ ޒުވާނުންނަށް އަމާޒުކޮށް ވެސް ވޯޓާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ވަނީ ރާވާފައި،" އޭނާ ވިދާޅުވި އެވެ.
ޝިފާނާ ވިދާޅުވީ ވޯޓްލުމުގެ ހައްގަށް ހޭލުންތެރިކުރުވުމުގެ ކެމްޕޭން މިހާރު ކުރިއަށް ދަނީ ޓްވިޓާ އާއި ފޭސްބުކްގައި ކަަމަށް ވިޔަސް މާދަމާއިން ފެށިގެން، ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ކެމްޕޭން ފަށާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި އެޗްއާރްސީއެމުން އާއްމުކޮށްފައިވަނީ ހޭލުންތެރި ކުރުވުމުގެ މެސެޖްތަކެކެވެ. އެގޮތުން ފާހަގަކޮށްލެވޭ މެސެޖްތަކުގެ ތެރޭގައި "ވޯޓް ދިނުމުގައި ނަޒާހަތްތެރިންނަށް އިސްކަން ދެމާ، ނަޒާހަތްތެރިކަން ނެތް މީހުންނަށް ނޫނެކޭ ބުނަމާ!" މިފަދަ މެސެޖްތައް ފާހަގަކޮށްލެވެ އެވެ.
ވޯޓް ގަންނަން މަސަައްކަތްކުރާ މީހުންގެ ކިބައިން ސަލާމަތް ވުމަށް ވެސް ބައެއް މެސެޖްތަކުގައި ގޮވާލާފައި ވެއެވެ.
"ވޯޓަކީ ގަނެ ވިއްކާ އެއްޗަކަށް ނަހައްދަވާ" އެޗްއާރްސީއެމުން މިއަދު ކުރި ޓްވީޓެއްގައިވެ އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓްދޭ އިރު ގާބިލު މީހުންނަށް އިސްކަން ދިނުމަށާއި އަންހެނުންނަށް ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.
ރައްޔިތުންގެ މަޖިލިހީގެ އިންތިހާބު އޮންނާނީ އޭޕްރިލް ހައެއްގަ އެވެ. އެ އިންތިހާބަށް ގިނަ ޕާޓީތަކުން މިހާރު ކެމްޕޭން ފަށާފައި ވާއިރު ބައެއް ޕާޓީތަކުން ވަނީ ނެރޭނެ ކެންޑިޑޭޓުން ވެސް ކަނޑައަޅާފަ އެވެ.