18 ޖެނުއަރީ 2019 - 07:56

މީގެ 62 އަހަރު ކުރިން ބްރޯޑްވޭ މިއުޒިކަލްއެއްގެ ގޮތުގައި ގެނެސްދީފައިވާ "ވެސްޓް ސައިޑް ސްޓޯރީޒް" އަށް ބިނާކޮށް ސްޓީވެން ސްޕީލްބާގް ޑައިރެކްޓް ކުރާ ފިލްމުން އާ ބަތަލާއަކު ތައާރަފު ކުރަން ނިންމައިފި އެވެ.
ޒުވާން އެކްޓަރު އެންޒެލް އެލްގޯޓްއާ އެކު "ވެސްޓް ސައިޓް ސްޓޯރީ" ގައި މާރިއާގެ ރޯލުން ފެނިގެން ދާނީ ހައި ސްކޫލްގައި ކިޔަވަމުން އަންނަ އުމުރުން 17 އަހަރުގެ ރެޗެލް ޒެލްގާ އެވެ. އޭނާ ކާސްޓަށް ނެގީ އޮޑިޝަނަށް ހުޅުވައިލުމުން ކުރިމަތިލި 300 އަންހެން ކުދިންގެ މެދުގައި ބޭއްވި އޮޑިޝަނަކަށް ފަހު އެވެ.
މި ފިލްމަށް ނަގާފައިވާ އިތުރު ތަރިންގެ ތެރޭގައި އެރިއާނާ ޑިބޯސް، ޑޭވިޑް އަލްވެރޭޒް އަދިު ޖޯޝް އެންޑްރެސް ރިވެރާ ހިމެނެ އެވެ.
"ވެސްޓް ސައިޑް ސްޓޯރީ" ގެ މައިގަނޑު ކާސްޓް މިހާރު އެއްކޮށްހެން ހަމަޖެހިފައިވާ އިރު، ސްޕީލްބާގް ބުނީ އޭނާ ހުރީ ކާސްޓާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި މި ފިލްމު ވަރަށް ވެސް ރީތި މޮޅު ފިލްމެއްގެ ގޮތުގައި ގެނެސް ދޭނެ ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޒުވާން އާ ތަރިންތަކެއް ފިލްމުގައި ހިމެނުމަކީ "ވެސްޓް ސައިޑް ސްޓޯރީ" ގެ ޝައުގުވެރިކަން އިތުރުކޮށްދީ، މިއަށް އާ ދިރުމެއް އަންނާނެ ކަމެކެވެ.
މި އަހަރުގެ ހޫނު މޫސުމުގައި ޝޫޓިން ފަށާ ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ސްޕީލްބާގް ޑައިރެކްޓް ކުރި "ލިންކަން" އާއި "މިއުނިކް" ފަދަ ފިލްމުތަކުގެ ސްކްރީންރައިޓަރު ޓޯނީ ކުޝްނާއާ އެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް އެއް ވަނަ އަހަރު ޖެރޮމް ރޮބިންސާއި ރޮބަޓް ވެސް ފީޗާ ފިލްމެއްގެ ގޮތުގައި "ވެސްޓް ސައިޑް ސްޓޯރީޒް" ގެނެސް ދިނެވެ. އެ ފިލްމަށް 10 އޮސްކާ އެވޯޑް ވެސް ލިބިފައިވެ އެވެ.
ސްޕީލްބާގް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ މި އަހަރުގެ މާޗްގައި ރިލީޒް ކުރި "ރެޑީ ޕްލެޔާ ވަން" އެވެ.