16 ޖެނުއަރީ 2019 - 14:04

ގއ. ކަނޑުހުޅުދޫ އަންހެނަކާ އިނދެގެން އުޅޭ ފުވައްމުލަކު ފިރިހެނަކު އޭނާގެ ކުޑަ ފިރިހެން ދަރިފުޅު ގޮވައިގެން ފުވައްމުލަކަށް ދިޔައީ ފިލައިގެން ކަމަށް އޭނާގެ އަންހެނުން ބުނާ ބުނުން އޭނާ މިއަދު ދޮގުކޮށްފި އެވެ.
އިއްޔެ ހަވީރު އެ ފިރިހެން މީހާ ކަނޑުހުޅުދޫން ފުވައްމުލަކަށް ދިޔައީ އަންހެން މީހާއާ ފިލައިގެން ކަމަށް ބުނެ އެ މައްސަލަ އޭނާ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އެ އާއިލާއަކީ ފުވައްމުލަކުގައި ދިރިއުޅެމުން އައި ބަޔެކެވެ. އެ މީހުން ކަނޑުހުޅުދު އަށް ދިޔައީ ސްކޫލް ބަންދުވުމުން ޗުއްޓީއަށެވެ.
ފިރިހެން މީހާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ ތިން އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ފުވައްމުލަކަށް ދިޔައީ ކުއްޖާގެ މަންމަ އެގޮތަށް އެދިގެން ކަމަށެވެ. އަދި ކުއްޖާގެ މަންމަ އެ ރަށަށް ދިއުމަށް ތަކުރާރުކޮށް ފިރިމީހާގެ ފަރާތުން އެދެމުން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
"އިއްޔެ ހެނދުނު ޖެހުނު މައްސަލައެއްގެ ތެރެއިން އަންހެން މީހާ ބުނީ އޭނާގެ ފިރިމީހާއާ ދިމާލަށް ރަށަށް ނައްޓާލާށޭ [ދާށޭ]. ދެން ފިރިމީހާ މި ބުނަނީ ދަރިފުޅު ބަހައްޓާފައެއް ނުދާނަމޭ. ބުނީމަ އަންހެން މީހާ ބުނީ ދަރިފުޅު ގޮވައިގެން ނައްޓާލާށޭ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ހަވީރު ލޯންޗެއް ފޮނުވީމަ އައީ. މިކޮޅަށް އައިސް އަންހެން މީހާ އަށް ގުޅާފަ ވެސް ބުނި މިކޮޅަށް އަންނާށޭ. އެކަމަކު އަންނާކަށް އަންހެން މީހާ ބޭނުމެއް ނުވޭ."
ފިރިހެން މީހާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި އެ މައްސަލަ ފެންމަތިވީ ސްކޫލް ބަންދަށް ކަނޑުހުޅުދު އަށް ދިޔަ އެ އަންހެން މީހާ ފުވައްމުލަކަށް ދިއުމަށް ދެކޮޅު ހެދުމުންނެވެ. އެ މައްސަލައާ ގުޅިގެން ކަނޑުހުޅުދޫ ކޯޓަށް ދިއުމުން ފިރިމީހާއާ އެކު ފުވައްމުލަކަށް ދިއުމަށް އެ އަންހެން މީހާ އަށް ކޯޓުން ވެސް އަންގާފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ދެ މީހުންގެ ދަރިފުޅު ތައުލީމް ހާސިލް ކުރަމުން އަންނަނީ ފުވައްމުލަކު ޕްރީ ސްކޫލުގެ ނާސަރީގަ އެވެ.
އަންހެން މީހާއާ ގުޅުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.
ދަރިފުޅު އޭނާގެ ބައްޕައާ އެކު ފުވައްމުލަކުގައި މިހާރު ހުރިއިރު ފުލުހުންނާއި ޖެންޑާއިން އެ މީހުން ދިރިއުޅޭ ގެޔަށް ގޮސް ހާލަތު ވަނީ ބަލައިފަ އެވެ. ނަމަވެސް އެ އިދާރާތަކުން ބަހެއް އަދި ނުލިބެ އެވެ.