16 ޖެނުއަރީ 2019 - 12:34

ޓޭބަލް ޓެނިސް މުބާރާތްތައް ބާއްވާށާއި ޕްރެކްޓިސް ކުރަން އެކަށީގެންވާ ތަނެއް ނެތުމުގެ ދަތިކަން އެ ކުޅިވަރަށް އިންތިހާއަށް ބޮޑުވެއްޖެ އެވެ.

ޒަމާނުއްސުރެ ޓީޓީން ބޭނުންކުރަމުން އައި އެކުވެނި އިންޑޯ ހޯލެވެ. އެކަމަކު އެ އިމާރާތް ބާވެ އެތަން ބޭނުންކުރުމުން 2014 ގައި މަނާކުރުމާ އެކު ދެން ޓީޓީން ބަދަލުވީ ޒުވާނުންގެ މަރުކަޒުގައި ހެދި އިންޑޯ ކޯޓަކަށެވެ. އެކަމަކު ރަސްފަންނުގައި ކޮރަލް ބްލެވާޑް ފްލެޓް އަޅަން ޒުވާނުންގެ މަރުކަޒުގެ އެ ސަރަހައްދު ބޭނުންވާތީ އެތަނުން ނުކުންނަން ޖެހުނީ އެވެ.
އަދި ކޮރަލް ބްލެވާޑް ފްލެޓް އަޅާ ފަރާތުން، ބަދަލުގައި ޓީޓީ އަށް ހަ މަސް ތެރޭ ތަނެއް ހަމަޖައްސައިދޭނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. އެކަމަކު އަހަރެއްވީ އިރު ވެސް ހަބަރެއް ނުވެ އެވެ.
އަދި ވަގުތީ ގޮތުން ބޭނުންކުރަން ހެންވޭރު މުނިއުފާ ޔޫތު ސެންޓަރު ދިނެވެ. މުބާރާތް ކުޅެން ދާން ޖެހެނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ އަށެވެ. އެކަމަކު އެކަމުން ނުކުތީ ހުސް މައްސަލަތަކެވެ.
މުނިއުފާ ސެންޓަރަކީ ވެސް ބާވެފައިވާތަނެކެވެ. ފުރާޅުން ފެން ލީކުވުމާއި މަދިރި ގިނަކަމުން އަދި ތަޅުން އަޅާފައި އޮތް ތަނަކަށް ވާތީ އެތަނުގައި ޕްރެކްޓިސް ކުރުން ވެސް ދައްޗެވެ. އަދި ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަކީ ވޮލީބޯޅަ، ނެޓްބޯޅަ އަދި ބާސްކެޓްބޯޅަ ވެސް ބޭނުންކުރާ ތަނަށް ވާތީ މުބާރާތް ބާއްވަން ތަން ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންވެ އެސޯސިއޭޝަނުން ގައުމީ ފެންވަރުގައި ބާއްވާ ދެ މުބާރާތުގެ ތެރެއިން އެސޯސިއޭޝަން ޗެމްޕިއަންޝިޕް ބޭއްވޭ ގޮތެއް ނުވި އެވެ.
"ވެނިއުއެއް ނެތުމުގެ ދަތިކަން ވަރަށް ބޮޑު،" ޓީޓީ އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވި އެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ޗައިނާގެ ބަޔަކާ ގުޅިގެން މުނިއުފާ ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތެއް މި ހަފުތާގައި ފަށަން ވަނީ ރާވައިފަ އެވެ. އެކަމަށް ދެ މަހެއްހާ ދުވަސް ނަގާނެ އެވެ. އެހެންވެ އަންނަ މަހު ޒުވާނުންގެ މަރުކަޒުގެ އިންޑޯގައި ފަށާ ގައުމީ މުބާރާތަށް ކުޅުންތެރިން ޕްރެކްޓިސްކުރާނެ ގޮތެއް ވެސް ނެތެވެ.
"އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ސްކޫލެއްގެ ހޯލް ނަމަވެސް ލިބޭތޯ،" އައްޔަ ވިދާޅުވި އެވެ.
ގައުމީ މުބާރާތް ބޯމަތީގައި އޮއްވާ މަރާމާތުގެ މަސައްކަތް ފެށީ ވެސް އައްޔަ ވިދާޅުވި ގޮތުގައި މި އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް ވެސް އޮންނާތީ ވީހާ ވެސް އަވަހަކަށް ޕްރެކްޓިސްތައް ފަށަން ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އިން މެޑަލް ހޯދުމަކީ. އެ އުއްމީދު އެބައޮތް. އެހެންވެ ކުޅުންތެރިންނަށް ޕްރެކްޓިސް ކުރެވޭނެ މާހައުލެއް ހޯދައިދޭން ވެގެން މަރާމާތުގެ މަސައްކަތް މިހިސާބުން މި ފެށީ،" އައްޔަ ވިދާޅުވި އެވެ.
މުނިއުފާ މަރާމާތުކުރުމުގެ މަސައްކަތަކީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ސީވީޑް އަހުމަދު ލަތީފް މަގުފަހިކޮށްދެއްވި ފުރުސަތެކެވެ. އަދި އެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ އެހީތެރިކަން ލިބޭކަން އައްޔަ ފާހަގަކުރެއްވި އެވެ.
މުނިއުފާ މަރާމާތުކުރުމާ އެކު ވަގުތީ ހައްލެއް ލިބޭނެ ކަމަށް އެސޯސިއޭޝަނުން ދެކެ އެވެ. އެކަމަކު ރާއްޖޭގައި ކުޅެވޭ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދަމުން އަންނަ އެއް ކުޅިވަރަށް، ރަނގަޅު ފެންވަރުގެ، ދާއިމީ ވެނިއުއެއް ނެތުމަކީ ބޮޑު މައްސަލައެއް ކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ދެކެ އެވެ. ރާއްޖޭގައި އެއްވެސް ކުޅިވަރެއްގައި މިވަގުތު ތިބި އެންމެ އުއްމީދީ ޖޫނިއާ ދެ ކުޅުންތެރިން ވެސް ތިބީ ޓީޓީގަ އެވެ. އެގޮތުން ސްރީ ލަންކާގައި ކުޅެ އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ފާތިމަތު ދީމާ އަލީ އާއި ރަފާ ނާޒިމަކީ މި ސަހަރައްދުން ކުރިމަގުގައި މެޑަލް ހޯދާނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިންނެވެ.