16 ޖެނުއަރީ 2019 - 12:32

ނައިރޯބީ (ޖެނުއަރީ 16) - ކެންޔާގެ ނައިރޯބީގެ ލަގްޒަރީ ހޮޓަލަކަށް ހަނގުރާމަވެރިން ރޭ ދިން ހަމަލާގައި 15 މީހުން މަރުވެއްޖެ އެވެ.

ނައިރޯބީގެ ވެސްޓްލޭންޑްސް ޑިސްޓްރިކްޓުގެ ދުސިތުޑީ2 ހޮޓަލަށް ބަޑިން ދިން ހަމަލާގެ ފަހަތުގައި ވަނީ ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތަކު ހިމެނޭ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ހޮޓަލަށް ހަމަލާ ދޭން ފެށުމުގެ ގޮތުން ހަނގުރާމަވެރިންގެ ހަތަރު މީހަކު ވަނީ ހޮޓަލުގެ ޕާކިންގައިވާ ވެހިކަލްތަކަށް އަތު ބޮން އުކައިފަ އެވެ. އޭގެ ފަހުން އެ މީހުން ހޮޓަލުގެ ލޮބީ އަށް ވަދެ، އޭގެ ތެރޭން އެކަކު ވަނީ ޖާނުންފިދާވުމުގެ ހަމަލާއެއް ދީފަ އެވެ.
ހަމަލާގައި ޒަޚަމްވެގެން 30 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ. ހޮޓަލުގައި ތާށިވި މީހުންގެ ތެރޭން 100 މީހުން މިއަދު ހެނދުނު ވަނީ ސަލާމަތްކޮށްފަ އެވެ.
ފަސް ތަރީގެ ދުސިތުޑީ2 ހޮޓަލުގައި 101 ކޮޓަރި ހުރެ އެވެ.