16 ޖެނުއަރީ 2019 - 12:33

ރ. އަތޮޅު ފަޅު ރަށެއް ކަމަށް ވާ ވަންދޫ ކައިރި އަށް ހުއިފިލަނޑާ ނަގަން ފައިބައިގެން އުޅެނިކޮށް، ގެއްލުނު މީހާ އެ އަތޮޅު ފަޅު ރަށެއްގައި ހުއްޓާ ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. އޭނާ ފެނުނީ ރ. އަތޮޅު ދިއްކުރެންދޫގައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދަމުން އައި ރ. ދުވާފަރު، ފެހިޔާގޭގެ، އުމުރުން 32 އަހަރުގެ އަބްދުﷲ އާދަމް ފެނުނީ އޭނާ ފެނުނީ ދިއްކުރެންދޫގައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ހުއިފިލަނޑާ ނެގުމަށްޓަކައި މިއަދު ހެނދުނު 8:45 ގައި ޑައިވަށް ނުކުތް އަބްދުﷲ ގެއްލުނު ކަމަށް އެތަނަށް ރިޕޯޓު ކޮށްފައި ވަނީ 10:30ގައި ކަމަށެވެ. އަދި އެ ވަގުތުން ފެށިގެން އޭނާ ހޯދުމަށް ޓަކައި އެ ސަރަހައްދު ބަލަމުން އައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަބްދުﷲ އާއި އެކު އެހެން މީހަކު ވެސް ޑައިވްކުރަން ދިިޔަ ކަމަށެވެ. ނަމަވެސް އަބްދުﷲ ކުއްލި އަކަށް ގެއްލުނީ ކަމަށް އޭނާއާ އެކު ޑައިވްކުރި މީހާ ބުނި ކަމަށް، އާޒިމް ވިދާޅުވި އެވެ. އޭނާ ދެ ގަޑިއިރު ވީ އިރު ވެސް މައްޗަށް ނާރައިގެން ރިޕޯޓް ކުރީ ކަމަށް އާޒިމް ވިދާޅުވި އެވެ.
އަބްދުﷲ އާދަމް ގެއްލުނު ކަން ރިޕޯޓު ކުރީ އޭނާ މަސްވެރިކަމަށް ނުކުތް "އަންބާރާ" ނަމަކަށް ކިޔާ ދޯނިންނެވެ.