ކޭން އަށް އަނިޔާވެ ޓޮޓެންހަމަށް މައްސަލަތަކެއް
ކޭން އަށް އަނިޔާވެ ޓޮޓެންހަމަށް މައްސަލަތަކެއް

ލަންޑަން (ޖެނުއަރީ 16) – ޓޮޓެންހަމް ހޮޓްސްޕާސްގެ ކެޕްޓަން އަދި ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ދޮޅު މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އޭނާ އަށް އަނިޔާވީ ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން ބަލިވި މެޗުގަ އެވެ. އެއީ އޭނާ އަތުން ޔުނައިޓެޑުގެ ދެ ޑިފެންޑަރުން ކަމަށްވާ ފިލް ޖޯންސް އާއި ވިކްޓަ ލިންޑެލޯފް ބޯޅަ ހޯދަން އުޅުމުގެ ތެރޭގަ އެވެ.

"އެއީ ސީދާ އޭނާ އަށް ކުރި ފައުލެއް. (ރެފްރީ) މައިކް ޑީން ބުނީ އެ މަންޒަރު ނުފެންނަ ކަމަށް،" ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.

ކޭން ފިޓްވެގެން އެންމެ އަވަހަށް ވެސް ތަމްރީންތަކަށް ނުކުމެވޭނީ ބެލެވޭ ގޮތުގައި މާޗު މަހުގެ ކުރީކޮޅެވެ. މި ސީޒަނުގައި 20 ގޯލް ޖަހާފައިވާ ކޭން އަށް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ގެއްލޭނެ އެވެ. އަދި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މި މަހު ޗެލްސީއާ ދެކޮޅަށް ވެސް ނުކުޅެވޭނެ އެވެ. ޖުމްލަ 10 ވަރަކަށް މެޗު ގެއްލޭނެ ކަމަށް ބެލެވޭއިރު އޭގެ ތެރޭގައި ޗެލްސީ އާއި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ވެސް ހިމެނެ އެވެ.

ޓޮޓެންހަމްގެ އަނެއް ފޯވާޑް ދެކުނު ކޮރެއާގެ ސޮން ހެއުން މިން މިވަގުތު ހުރީ އޭޝިއަން ކަޕުގައި ވާދަކުރަން ގައުމީ ޓީމާ އެކު އެވެ. އެ މުބާރާތުގެ ފައިނަލް އޮންނާނީ ފެބްރުއަރީ 1 ގަ އެވެ. ބަދަލު ކުޅުންތެރިންގެ ތެރެއިން ފެނާންޑޯ ލޮރެންޓޭ އަށް 13 މެޗުން ޖެހިފައިވަނީ ހަތަރު ގޯލެވެ. ދެން ހުރި ވިންސެން ޖަންސެން 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުން ސީނިއާ ޓީމަށް ނުކުޅެ އެވެ. –ބީބީސީ