ގުލްޒާރު އަލުން ފިލްމު ޑައިރެކްޝަނަކަށް ނާންނާނެ
ގުލްޒާރު އަލުން ފިލްމު ޑައިރެކްޝަނަކަށް ނާންނާނެ

ކުރިން ފިލްމުތައް ލިޔެ، ޑައިރެކްޓްކުރި ނަމަވެސް އަލުން އެނބުރި ޑައިރެކްޝަނަށް ދިއުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށާއި ހިންދީ ސިނަމާ އިން މިހާރު ވަރަށް ވެސް ހުނަރުވެރި ޑައިރެކްޓަރުން ފެންނާތީ އެކަމާ ވަރަށް އުފާވާ ކަމަށް އިންޑިއާގެ އެންމެ ވަރުގަދަ ޅެންވެރިންގެ ތެރޭގައި ވެސް ހިމެނޭ ގުލްޒާރު ބުނެފި އެވެ.

ކުރީގެ ބަތަލާ ރާކީގެ ފިރިމީހާ އަދި ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ބައްޕަ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 1999 ގެ "ހޫ ތޫ ތޫ" އެވެ.

ގުލްޒާރު ޑައިރެކްޓްކޮށްފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި މޯސަމް (1975)، ހުޝްބޫ (1975)، އަންގޫރް (1982) އަދި އިޖާޒަތު (1987) ހިމެނެ އެވެ.

ޝިޕްލާ ރާނަޑޭ ޑައިރެކްޓް ކުރި އެނިމޭޓެޑް ފިލްމު "ގޫޕީ ގަވައްޔާ ބާގަ ބަޖައްޔާ" ގެ ޓްރެއިލާ ލޯމްޗް ކުރަން ބޭއްވި ހަފުލާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ގުލްޒާރު، 84، ބުނީ ޑައިރެކްޓަރު ވިޝާލް ބަރަދުވާޖާއި މެގްނާ އާއި ޝިލްޕާ ކަހަލަ ޑައިރެކްޓަރުން ބޮލީވުޑުން މިހާރު ފެނުމަކީ ކުރިމަގު އުޖާލާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ބޮލީވުޑްގައި މި ފަހަކަށް އައިސް ވަރަށް ތަފާތު ކޮންސެޕްޓަކަށް، ޒުވާން ޑައިރެކްޓަރުން ފިލްމު ހަދައި ކާމިޔާބީތައް ހޯދަމުން އައުމަކީ ވަރަށް ވެސް ހިތްހަމަޖެހޭ ކަމެއް ކަމަށް ބުންޏެވެ.

"އެހެންވެ އަލުން އަހަރެން ކަހަލަ މީހުން އެނބުރި ޑައިރެކްޝަނަށް ދިއުމުގެ މާނައެއް މިހާރަކު ނެތް. އަދި އަހަރެންގެ ވިސްނުމުގައި ވެސް ނެތް އަލުން ފިލްމު ޑައިރެކްޓް ކުރާކަށް،" މިހާރު ފިލްމުތަކުގެ ލަވަކުގެ ޅެން ހަދައިދޭ ހުނަރުވެރިޔާ ބުންޏެވެ. "މިހާރު އެބަތިބި ވަރަށް ވެސް ހުނަރުވެރި ހިޔާލު ތަނަވަސް ލިޔުންތެރިންނާއި ޑައިރެކްޓަރުން."

ގުލްޒާރު ބުނި ގޮތުގައި މިހާތަނަށް ހެދި ކޮންމެ ފިލްމަކީ ވެސް އޭނާގެ ހިތާ ވަރަށް ގާތް ފިލްމުތަކެކެވެ. އަދި އެ ފިލްމުތަކަށް ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ދެމި ހުންނާނީ އަދަބިއްޔާޔަށް ހިދުމަތް ކުރުމުގެ އެވެ. އެގޮތުން އެކި ކަހަލަ ފޮތްތައް ލިޔާނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރު "ރާޒީ" ގެނެސް ގުލްޒާރުގެ ދަރިފުޅު މެގްނާ މިހާރު އަންނަނީ "ޗަޕާކް" ކިޔާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.