17 ޖެނުއަރީ 2019 - 06:28

ރާޖްޝްރީ ޕްރޮޑަކްޝަނުން އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ހަމް ޗާރް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އާންމުކޮށް އާއިލީ ލޯބީގެ އަސަރު ގަދަ ފިލްމުތައް ގެނެސްދޭ ސޫރަޖް ބަރްޖަތިއާގެ އާއިލީ ފިލްމު ކުންފުނިން ގެނެސްދޭ "ހަމް ޗާރް" އަކީ ޒުވާން ހަތަރު އެކުވެރިންގެ ވާހަކަ ކިޔައިދޭ، ޒުވާނުންނާ ވަރަށް ގުޅޭ ފިލްމަކަށް ވާނެ އެވެ. އަދި މިއީ ރާޖްޝްރީން މީގެ ކުރިން ގެނެސް ދީފައި ހުރި ފިލްމުތަކާ ތަންކޮޅެއް ތަފާތު ފިލްމަކަށް ވެސް ވާނެ ކަމަށް ގަބޫލުކުރެވެ އެވެ.
އަބީޝެކް ޑިކްސިޓް ޑައިރެކްޓްކޮށްފައިވާ "ހަމް ޗާރް" އިން ފެނިގެން ދާނީ އާ މޫނުތަކެކެވެ. އެއީ ޕްރިތު ކަމާނީ، ސިމްރަން ޝަރުމާ، އަންޝުމަން މަލްއުތުރާ އަދި ތުޝާރު ޕާންޑޭ އެވެ.
މި ފިލްމަކީ "ހަމް އާޕް ކޭ ހޯ ކޯން" އާއި "ހަމް ސާތު ސާތު ހޭ" އާއި "މޭނޭ ޕިޔާރް ކިޔާ" ފަދަ އަބަދަށް ފެހި ފިލްމުތައް ގެނެސް ދިން ރާޖްޝްރީގެ ފިލްމަކަށްވާތީ މިއަށް ކުރެވޭ އުންމީދުތައް ބޮޑެވެ.
އެ ސްޓޫޑިއޯ އިން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ ސޫރަޖް 2013 ގައި ސަލްމާން ހާނާއި ސޯނަމް ކަޕޫރާ އެކު ގެނެސް ދިން "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.
"ކަހާނީ" ފަދަ މޮޅު ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދިން ހުނަރުވެރި ޑައިރެކްޓަރު ސުޖޯއި ގޯޝްގެ އާ ފިލްމު "ބަދުލާ" އަންނަ މާޗް މަހުގެ 8 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.
ފިލްމުގެ ތާރީހާ އެކު އޭނާ ވަނީ "ބަދުލާ" ގެ ފަސްޓްލުކެއް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ސްކޮޓްލެންޑްގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ލީޑުން ފެނިގެން ދާނީ އަމީތާބް ބައްޗަން އާއި ތާޕްސީ ޕައްނޫ އެވެ.
މިއީ 2016 ގައި ރިލިޒް ކުރި ކާމިޔާބު ސޯޝަލް ޑްރާމާ "ޕިންކް" އަށް ފަހު މި ދެ ތަރިން އަލުން ސްކްރީނުން ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ.
ޝާހްރުކް ހާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ "ބަދުލާ" އަކީ ސްޕެއިންގެ ކާމިޔާބު ފިލްމެއް ކަމަށްވާ "އަ އިންވިޒިބަލް ގެސްޓް" އަސްލަކަށް ބަލައިގެން ހަދާފައިވާ މިސްޓްރީ ކްރެއިމް ތުރިލާއެކެވެ.
ބާރަ ފިލްމަކުން ފުރުސަތު ލިބިފައި އޮތް ކަމަށް ދާދި ފަހުން ބުނި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ "ސޯންޗިރައްޔާ" ގެ ބަތަލު މި ފަހަރު ސޮއިކޮށްފައި ވަނީ "ރައިފަލްމޭން" ކިޔާ ހަނގުރާމަ ފިލްމަކަށެވެ. މި އަހަރު ރިލީޒް ކުރަން ނިންމާފައިވާ މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބުނަސް، މީގެ މޯޝަން ޕޯސްޓަރު ވަނީ ފޭނުންނާ ހިއްސާކޮށްފަ އެވެ.
ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "ރައިފަލްމޭން" ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
މި އަހަރު ރިލީޒް ވާން ހުރި ސުޝާންތުގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ޗިޗޯރް" އަދި "ޑްރައިވް" ފާހަގަކޮށްލެވެ އެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމު "އޭކް ލަަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގެ އާ ލަވައެއް އަނެއްކާ ވެސް ބެލުންތެރިންނަށް ދައްކާލައިފި އެވެ.
ފިލްމުގެ ޓައިޓްލް ލަވަ ކުރިން ދައްކައިލުމަށް ފަހު، މި ފަހަރު ބެލުންތެރިންނަށް ދޫކޮށްލީ "އިޝްގް މިތާ" ކިޔާ ލަވައެކެވެ. މިއީ ހަމަ އެ ނަމުގައި ކުރިން ގެނެސް ދީފައިވާ ވަރަށް މަގުބޫލު ޕަންޖާބީ ލަވައެއްގެ އާ ވާޝަނެކެވެ. ލަވަ ކިޔާފައި ވަނީ ނަވްރާޖް ހަންސް އާއި ހަރްޝަދީޕް ކޯރް އެވެ. މީގެ އިތުރުން ވެސް ބައެއް އެހެން ފަންނާނުންގެ އަޑު ލަވައން އިވިގެން ދާނެ އެވެ.
ލޯބީގެ ތަފާތު ވާހަކައެއް ކިޔައިދޭ "އޭކް ލަަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އަކީ ޝެލީ ޗޯޕްޅާ ދާރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ މައިގަނޑި ތަރިންނަކީ އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރާއި ރާޖްކުމާރު ރާއޯގެ އިތުރުން ޖޫހީ ޗާވްލާ އެވެ.