16 ޖެނުއަރީ 2019 - 08:44

ސިނަމާލޭ ބްރިޖް ހައިވޭގެ މެދުގައި ޖަހާފައި ހުރި ޑިވައިޑާތަކުގައި، ރޭ ފަތިހު ޕިކަޕެއް ޖެހި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުވި ވެހިކަލް ދުއްވަން އިނީ ބިދޭސީއެއް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ވެފައި ވަނީ މާލެ އިން ހުޅުމާލެ އަށް ދިޔަ، ފެންޓަސީ ސްޓޯރުގެ ވެހިކަލެކެވެ. ލަކުޑި ފޮށިތަކެއްހެން ހަދާފައި ހުންނަ ޑިވައިޑާތަކުގައި ވެހިކަލް ޖެހުމުގެ ސަބަބުން، ވެހިކަލަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވެފައި ވާއިރު ޑިވައިޑާތައް ވެސް ވަނީ ފުނޑުފުނޑު ވެފަ އެވެ.

އެކްސިޑެންޓުގައި ހަލާކުވި ޑިވައިޑާތަކުގެ ބައިތަކާއި ވެހިކަލުން ބުރައިގެން ދިޔަ އެއްޗެހިތަކުން މުޅި މަގު އޮތީ ފުރިފަ އެވެ. ނަމަވެސް މިހާރު ވަނީ އެ އެއްޗެހިތައް ނަގައި ސާފުކޮށްފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ހައި ވޭގައި ޔޫ-ޓާން ނަގަން އޮންނަ ހިސާބުގައި ކަމަށާއި ވެހިކަލުން ޖެހުމުގެ ސަބަބުން، ޑިވައިޑާގެ ސާޅީހަކަށް ފޫޓު ހަލާކުވެފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގީ ފަތިހު 4:30 ހާއިރު އެވެ.
މިިދިޔަ ހަފުތާގައި ވެސް ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ޑިވައިޑާގައި ޖެހި އެ ކާރު ފުށުން ޖެހުނެވެ. އެ ހާދިސާގައި ވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
މިދިޔަ އަހަރު ބްރިޖް ހުޅުވައި ބޭނުންކުރަށް ފެށިފަހުން، ބްރިޖް ހައިވޭގައި ހިނގި ބައެއް އެކްސިޑެންޓްތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ވަނީ ލިބިފަ އެވެ.