18 ޖެނުއަރީ 2019 - 09:47

ދިމިޝްގު (ޖެނުއަރީ 18) - އާދަޔާޚިލާފަށް ފިނިގަދަވެ އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބި ވޭތުވެދިޔަ ހަފުތާތަކުގައި ސީރިއާ އިން 15 ކުދިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
މީގެ ތެރޭން 13 ކުދިންނަކީ އެއް އަހަރުން ދަށުގެ ކުޑަ ކުދިން ކަމަށް ވެސް ބުނެފައިވެ އެވެ. ޖޯޑަންގެ ބޯޑަރާ ކައިރީގައިވާ ރުކްބާން ކޭމްޕުން ވަނީ އަށް ކުދިން މަރުވެފަ އެވެ. އެ ކޭމްޕުގައި 45،000 ކުދިން އުޅެ އެވެ. ދެން ތިބި ކުދިން މަރުވީ އިރުމަތީގެ ހަޖިން އާއި ދައިރުއް ޒޫރް ޕްރޮވިންސްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އެމެރިކާގެ މަދަދު ލިބޭ ސިފައިންނާ ދެމެދު ކުރާ ހަނގުރާމަ އިން ފިލަން އުޅެނިކޮށެވެ.
ލުބުނާނުގައި އުޅޭ ސީރިއާގެ ރެފިއުޖީ ކޮމިއުނިޓީ އަށް ވެސް ވަނީ ފިނި މޫސުމުގައި ގެއްލުންތައް ކުރިމަތިވާން ފަށައިފަ އެވެ. ގަދަ ވަޔާއި ވާރޭ އާއި ސްނޯގެ ސަބަބުން ރެފިއުޖީން އުޅޭ 360 އަށް ވުރެ ގިނަ ކޭމްޕް ވަނީ ހަލާކުވެފަ އެވެ. މި ކޭމްޕްތަކުގައި 11،300 ރެފިއުޖީން އުޅެ އެވެ.
އުތުރުގެ މިނިއެހް ޓައުނުގައި ފެންބޮޑުވެ އޮޔާ ދިޔަ ފެންގަނޑާ އެކު ވަނީ އަށް އަހަރުގެ ކުއްޖަކު ދަމައިގެންފަ އެވެ.
އދ.ގެ ކުޑަ ކުދިންނާ ބެހޭ އެޖެންސީ، ޔުނިސެފުން ބުނެފައި ވަނީ ގަދަ ފިނީގެ އިތުރުން މާބަނޑު މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދެވުމުގެ ސަބަބުން ވެސް މަރުވާ ކުޑަ ކުދިން ގިނަ ކަމަށެވެ. ރުކްބާން ކޭމްޕްގައި އުޅޭ މީހުންގެ 80 ޕަސެންޓަކީ އަންހެނުންނާއި ކުޑަ ކުދިންނެވެ.