15 ޖެނުއަރީ 2019 - 21:10

ގއ. ކަނޑުހުޅުދޫން ކުޑަ ފިރިހެން ދަރިފުޅު ގޮވައިގެން އޭނާގެ ބައްޕަ މިއަދު ފިލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ ތިން އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ފިލީ އެ ރަށު އަންހެނަކާ އިނދެގެން އުޅޭ ފުވައްމުލަކު މީހެކެވެ. އޭނާ ފިލިކަން އެނގުނީ ކުއްޖާގެ މަންމައަށް އެ މީހުން ވީ ތަނެއް ނޭނގިގެން ހޯދުމުން ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
"މީހުންނަށް ފެނިފައި އެބަހުރި މިއަދު ހަވީރު 5:30 ކަންހާއިރު އެމީހާ ދަރިފުޅު ގޮވައިގެން ލޯންޗަކަށް އަރައިގެން ދިޔަ ތަން. ދިޔަ ތަނެއް އެއްވެސް ގޮތަކަށް ނޭނގޭ،" ކައުންސިލް މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
ކައުންސިލުން ބުނިގޮތުގައި އެ ދެމަފިރިން ދަރިފުޅާ އެކު ކުރިން ދިރިއުޅުނީ ފުވައްމުލަކުގަ އެވެ. އެމީހުން ކަނޑުހުޅުދުއަށް ބަދަލުވިތާ އަދި ވީ ހަފްތާއެއްހާ ދުވަސް ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި ދެމަފިރިންގެ ދެމެދުގައި މައްސަލަތަކެއް އުޅޭ ވާހަކަ ރަށުތެރޭގައި ދެކެވޭ ކަމަށް ވެސް ވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަން ކައުންސިލުން ޔަގީން ކޮށްދެ އެވެ.