ފިލްމު "ސްރީދޭވީ ބަންގްލާ" އަށް ބޯނީ ކަޕޫރް ދައުވާކުރަން ނިންމައިފި
ފިލްމު "ސްރީދޭވީ ބަންގްލާ" އަށް ބޯނީ ކަޕޫރް ދައުވާކުރަން ނިންމައިފި

"ސްރީދޭވީ ބަންގްލާ" ގެ ނަމުގައި މަލަޔާޅަމް ޑައިރެކްޓަރު ޕްރަސާންތު މަމްބަލީ ހެދި ހިންދީ ފިލްމަށް ދައުވާކުރަން މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް ނިންމައިފި އެވެ.

އެއް ލޯ މަރައިލި ގޮތަކުން މިދިޔަ އަހަރު އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ޒުވާން ބަތަލާ ޕްރިއާ ވާރިއާ ސްރީދޭވީ ނަމަކަށް ކިޔާ ކެރެކްޓާއެއް ކުޅެފައިވާ ފިލްމުގެ ޓީޒާ ޓްރެއިލާ ހޯމަ ދުވަހު ދެއްކުމާ އެކު، ގިނަ ބަޔަކު ވަނީ މި ފިލްމަކީ ސްރީދޭވީގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. "ސްރީދޭވީ ބަންގްލާ" ގައި ޕްރިޔާ ކުޅެފައި ވަނީ މަޝްހޫރު ފިލްމީ ބަތަލާއެއްގެ ރޯލެވެ.

އަދި މި ފިލްމުގެ ޓީޒާ ގެނެސް ދީފައި އޮތް ގޮތުން މިއީ ސްރީދޭވީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ޓީޒާ ބެލި ގިނަ ބަޔަކު ބުނެފައިވެ އެވެ. އެގޮތުން ޓީޒާގައި ޕްރިޔާ ބިލިގާއެއްގެ ތެރެއަށް ވެއްޓިފައި އޮންނަ މަންޒަރަކީ ދުބާއީގެ ހޮޓަލެއްގެ ކޮޓަރީގެ ފާހާނާގައި ސްރީދޭވީ ބިލިގާއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަންޒަރުގެ ގޮތުގައި ގެނެސް ދީފައިވާ މަންޒަރެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ސްރީދޭވީގެ އޮޓޮޕްސީ ރިޕޯޓްގައި ބުނި ގޮތުގައި އޭނާ މަރުވެފައި ވަނީ މަސްތުވެގެން ބިލިގާ ތެރޭގައި އޮއްވައި، ގެނބިގެންނެވެ.

މިފަދަ މަންޒަރެއް "ސްރީދޭވީ ބަންގްލާ" ގައި ހިމަނާފައިވާތީ އާއި ސްރީދޭވީގެ ނަން ފިލްމާއި އޭގެ ލީޑް ބަތަލާގެ ކެރެކްޓާ އަށް ދީފައިވާތީ އޭގެ ޓީމަށް ދައުވާ ކުރަން ނިންމައި، އެކަމުގެ ނޯޓިސް ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.

އެކަން ޔަގީންކޮށް ދެމުން ޕްރަސާންތު ބުނީ ބޯނީގެ ނޯޓިސް ލިބިފައިވާ ކަމަށާއި އެކަމަކު އެ މީހުންގެ ފިލްމަކީ ބަތަލާ ސްރީދޭވީއާ ބެހޭ ފިލްމެއް ނޫން ކަމަށެވެ.

"ސްރީދޭވީއަކީ ހަމަ އާންމު ނަމެއް. އަދި ޕްރިޔާ ފިލްމުގައި ފިލްމީ ބަތަލާއެއްގެ ގޮތުގައި ދެއްކުމަކީ ސްރީދޭވީ ބަންގްލާއަކީ ސްރީދޭވީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށް ބަލަން ޖެހޭ ސަބަބެއް ވެސް ނޫން،" ސިނެސްތާން އަށް ޕްރަސާންތު ބުންޏެވެ. "އަދި އެކަން ބޯނީއާ ވެސް އަހަރެމެން ވާނީ ހިއްސާކޮށްފައި."

އޭނާ ބުނި ގޮތުގައި "ސްރީދޭވީ ބަންގްލާ" މައްސަލައަކަށް ހަދައިގެން ބޯނީ ކޯޓަށްދާ ނަމަ އެ މީހުން ވެސް ތިބީ އެކަމާ ކުރިމަތިލާން ތައްޔާރަށެވެ. އެހެންވެ ފިލްމަށް ވެދާނެ ގޮތަކާ ދޭތެރޭ ކަންބޮޑު ނުވާ ކަމަށް ބުންޏެވެ.

މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. "ސްރީދޭވީ ބަންގްލާ" ގެ ކާސްޓުންގެ ތެރޭގައި "ތުމް ބިން" ފަދަ ހިންދީ ފިލްމުތައް ކުޅެފައިވާ އެކްޓަރު ޕްރިޔަންޝޫ ޗެޓަޖީ ހިމެނެ އެވެ.