15 ޖެނުއަރީ 2019 - 12:10

ޕެރިސް (ޖެނުއަރީ 15) – ބާސެލޯނާ އިން ޝައުގުވެރިވާ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ އެ ޓީމަށް ޖެނުއަރީ މަހު 15 މިލިއަން ޔޫރޯ އަށް ވިއްކާލަން ޕީއެސްޖީން މިހާރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީއެސްޖީއާ އެކު ރަބިއޯ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އެކަމަކު ޕީއެސްޖީން ބޭނުންވަނީ ކޮންޓްރެކްޓް އާކުރުވާށެވެ. އެކަން ނުކޮށްފި ނަމަ އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި ސީޒަން ނިމުމުން ކްލަބް ދޫކޮށްލެވޭނެ އެވެ. އެހެންވެ އޭނާ ކޮންޓްރެކްޓް އާނުކޮށްފި ނަމަ ސީޒަނުގެ ބާކީ ބައިގައި ކުޅެން ފުރުސަތު ނުދޭނެ ކަމަށް ޕީއެސްޖީން އަންގާފައިވާ ކަމަށްވެ އެވެ.
ރަބިއޯގެ ދިފާއުގައި ފުޓްބޯޅަ ކުޅުންތެރިންގެ ޖަމިއްޔާ ފިފްޕްރޯ އިން ވެސް ތެދުވި އެވެ. އެ ޖަމިއްޔާ އިން ބުނީ ޕީއެސްޖީގެ އެއްބަސްވުން އާ ނުކުރުމުގެ އިހުތިޔާރު ރަބިއޯ އަށް އޮންނަން ޖެހޭނެ ކަމަށާއި ގަދަކަމުން އޭގެ ސޮއިކުރުވަން ޕީއެސްޖީ އަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.
އެ ހުރިހާ ކަމަކާ އެކު ޕީއެސްޖީން މިހާރު ނިންމާފައިވަނީ އެ ކްލަބަށް ވެސް އެންމެ ފައިދާވާނެ ގޮތަކަށް ބަލައި ރަބިއޯ ދޫކޮށްލަން ކަމަށް ރިޕޯޓްކޮށްފަ އެވެ. އެގޮތުން އޭނާ ވިއްކާލަން ޕީއެސްޖީން ކިޔާ އަގަކީ 15 މިލިއަން ޔޫރޯ ކަމަށްވެ އެވެ.
އުމުރުން 23 އަހަރުގެ ސެންޓްރަލް މިޑްފީލްޑަރަކީ އަންދްރޭ އިނިއެސްޓާ ނެތްތަން ފޫބައްދަން ބާސެލޯނާ އިން މި ސީޒަނުގައި ވެސް ގެންނަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. އެ ޓީމުގެ މެދުތެރެ ނިސްބަތުން މިހާރު ބަލިކަށްޓެވެ. ނެދަލެންޑްސްގެ އުމުރުން 21 އަހަރުގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް އަށް ވެސް ބާސެލޯނާ ޝައުގުވެރިވެ އެވެ. އޭނާ ވިއްކާލަން އަޔަކްސް އިން ކިޔާ އަގަކީ 70 މިލިއަން ޔޫރޯ އެވެ.