22 އޯގަސްޓް 2016 - 11:25

ޓޯކިޔޯގައި 2020 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އަމާޒުކޮށް، ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިއާ ޒަޔާން ޒަކީ ތަމްރީންތައް ފަށައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ޒަޔާން ފަރިތަކުރުންތައް ފަށާފައިވަނީ މީގެ ދެ ހަފްތާ ކުރިން މެލޭޝިއާ އެކަޑަމީއެއްގައި ކަމަށެވެ.
"ޒަޔާން އަމިއްލަ އަށް އިސްނަގައިގެން 2020 ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް އަށް ކޮލިފައިވާން ބޭނުންވާތީ މެލޭޝިއާގައި ތަމްރީންތައް މި ފެށީ. އަޅުގަނޑުމެން މި އަންނަނީ އެސޯސިއޭޝަންގެ ފަރާތުން ވެވުނު ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން. އޭގެ ތެރޭގައި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި އެހެން ގޮތްގޮތުން އެހީވުން ވެސް ހިމެނޭ،" ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވި އެވެ.
ޒަޔާން އަކީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރިހި މެޑަލް ހޯދި ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުގެ ކެޕްޓަނެވެ. އަދި މިއަހަރު އިންޑިއާގެ ގުވާޓީ އާއި ޝިލޮންގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވެސް އޭނާ ވަނީ ވާދަކޮށްފަ އެވެ.
އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ހަމައެކަނި އެތުލީޓަކީ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދެވެ. އޭނާ ކޮލިފައިވީ 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އޮލިމްޕިކްސްއަށެވެ.