ފްރާންސް ލީގުގައި އޮންރީ އާއި ވިއެރާގެ ކުރިމަތިލުމެއް
ފްރާންސް ލީގުގައި އޮންރީ އާއި ވިއެރާގެ ކުރިމަތިލުމެއް

މޮންޓެ ކާލޯ (ޖެނުއަރީ 15) – ފްރާންސް ލީގުގައި މާދަމާރޭ މޮނާކޯ އާއި ނީސް ބައްދަލުކުރާއިރު، ދެ ޓީމުގެ ކޯޗުން ކަމަށްވާ އަދި ކުރިން ފްރާންސަށް އެއްކޮށް ކުޅުނު ތިއެރީ އޮންރީ އާއި ޕެޓްރިކް ވިއެރާގެ ކުރިމަތިލުމެއް ފެނިގެންދާނެ އެވެ.

މޮނާކޯގެ ކޯޗު އޮންރީ އާއި ނީސްގެ ކޯޗު ވިއެރާ ވަނީ ފްރާންސާ އެކު 1998 ގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އަދި މެޗަކުން ބަލިނުވެ އާސެނަލުން 2004 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ވެސް މި ދެ ކުޅުންތެރިން އެކުގައި މުހިއްމު ދައުރެއް އަދާކުރި އެވެ.

އެހެންވެ ކޯޗުންގެ ގޮތުގައި އޮންރީ އާއި ވިއެރާ ކުރިމަތިލުމަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާނެ މެޗެކެވެ. ދެ ޓީމުގެ ހާލަތު ވެސް މިވަގުތު ރަނގަޅެއް ނޫނެވެ. ތާވަލުގެ އަށް ވަނައިގައި ނީސް އޮތްއިރު މޮނާކޯ އޮތީ ތާވަލުގެ ފުލުން ދެ ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ.

އޮންރީ ހަވާލުވިއިރު ވެސް ޓީމު އޮތީ އެ ހާލަތުގަ އެވެ. އޭނާ އަށް މާބޮޑު ކަމެއް އަދި ނުކޮށްދެވެ އެވެ. އޭނާގެ ކޯޗުކަމުގައި ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެކަމަކު ދާދި ފަހުން ގެނައި ސެސް ފެބްރިގާސްއާ އެކު ޓީމަށް ކުރިއެރުން އަންނާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އިތުރު ދެ ކުޅުންތެރިއަކު ވެސް ގެނެސްފައިވާއިރު އޭގެ ފަހުން ކުޅުނު ފުރަތަމަ މެޗުގައި މި ހަފުތާގައި އޮލިމްޕިކް މާސޭއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ފެބްރިގާސް އަކީ ވެސް ވިއެރާ އާއި އޮންރީއާ އެކު އާސެނަލަށް ކުޅެފައިވާ ކުޔުންތެރިއެކެވެ.

މި މެޗަކީ މިދިޔަ ޑިސެމްބަރު 7 ގައި ކުޅެން އޮތް މެޗެކެވެ. އެކަމަކު ފްރާންސުގައި ހިނގަމުން ދިޔަ މުޒާހިރާއަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މެޗު ފަސްކުރީ އެވެ. މެޗު އޮންނާނީ މޮނާކޯގެ ދަނޑުގައި މާދަމާރޭ ރާއްޖެ ގަޑިން 11 ޖަހާއިރެވެ.