15 ޖެނުއަރީ 2019 - 09:57

މެންޗެސްޓާ (ޖެނުއަރީ 15) – އެކަކު މަދުކޮށް ކުޅުނު ވުލްވްސް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.
ލިވަޕޫލް 57 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ސިޓީ ދެ ވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ. ދެ ޓީމުގެ މެދުގައި މިހާރު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. އެންމެ ގާތުގައި އޮތީ 48 ޕޮއިންޓް ހަމަކޮށްފައިވާ ޓޮޓެންހަމް ހޮޓްސްޕާސް އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް އެ ޓީމަށް ކުރި ހޯދައިދިނެވެ. އެ ޓީމަށް އިތުރަށް ފަސޭހަވީ 19 ވަނަ މިނެޓުގައި ވުލްވްސްގެ ވިލީ ބޮލީ އަށް ރަތްކާޑެއް ދެއްކުމުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ލީޑު ފުޅާކޮށްދިނީ ޕެނަލްޓީ އަކުން، އަނެއްކާ ވެސް ޖީސުސް އެވެ. މެޗުގެ 78 ވަނަ މިނެޓުގައި ސިޓީގެ ލީޑު ފުޅާވީ ވުލްވްސްގެ ކޮނޯ ކޯޑީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ވުލްވްސް އިން 10 ކުޅުންތެރިންނާ އެކު ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސްކުރުމުން، އެކަކު އިތުރުވިޔަސް ސިޓީ އަށް ފަސޭހަނުވި ކަމަށެވެ.
"އޭރިއާ ތެރެއަށް ބޯޅަ ފޯރުކުރުމަށް އަހަރެމެން ވަރަށް ވަރުގަދައަށް ޖައްސަން ޖެހޭ. ކެވިން ޑި ބްރޭނާ އަރައި 10 ބޯޅަ އޭރިއާ ތެރެއަށް ހުރަސްކުރި. މިފަދަ ހާލަތުގައި އެއީ ކުޅެން ޖެހޭނެ ގޮތަކީ. ޕާސްކުރަންޏާ މާ އުނދަގޫވާނެ، ގާޑިއޯލާ ބުންޏެވެ.
ލީގުގައި ސިޓީ އަށް ދެން އޮތީ ރަށުން ބޭރުގައި ހަޑާސްފީލްޑް ޓައުނާ ދެކޮޅަށް ކުޅޭ މެޗެވެ. ލިވަޕޫލަށް އޮތީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ވާދަކުރާ މެޗެވެ.