17 ޖެނުއަރީ 2019 - 06:29

މިދިޔަ އަހަރު ރިލީޒް ކުރި، އާލިއާ ބަޓްގެ "ރާޒީ" އަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އަދި މި ފިލްމުގައި ޒުވާން ބަތަލާ ދައްކުވައި ދިން އެކްޓިން އަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.
މެގްނާ ގުލްޒާރު ޑައިރެކްޓް ކުރި ފިލްމަކީ ޕާކިސްތާންގެ ސިފައިންގެ އޮފިސަރަކާ ކައިވެނިކުރާ ކަޝްމީރަށް ނިސްބަތްވާ އިންޑިއާގެ ޒުވާން އަންހެން ޖާސޫސެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ރާޒީ" ހަދާފައި ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަރިންދަރު ސިއްކާ ލިޔުނު ވާހަކަ "ކޯލިން ސެހެމަތު" އަށެވެ.
"ރާޒީ" އަށް ބެލުންތެރިން ދިން ބޮޑު ތަރުހީބާ އެކު ލިޔުންތެރިޔާ މިހާރު ވަނީ މި ވާހަކައިގެ ދެވަނަ ބައެއްގެ މަސައްކަތް ފަށައިފަ އެވެ. އޭނާ ބުނި ގޮތުގައި ސެހެމަތުގެ ނަމުން މަޝްހޫރުވި އަންހެން ކުއްޖާގެ ވާހަކައަކީ އަދިވެސް ބެލުންތެރިންނަށް ވަރަށް ޝައުގުވެރިކޮށް ކިޔައި ދެވިދާނެ ވާހަކައެކެެވެ.
އެހެންވެ މީގެ ދެވަނަ ބައި ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އާލިއާއާ ވެސް ބައްދަލުކޮށް މިކަން ހިއްސާ ކުރުމުން އޭނާ ވެސް ފިލްމުގެ ދެވަނަ ބަޔަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހަރިންދަރު ބުންޏެވެ. އެކަމަކު މެގްނާ އަދި މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ދީޕިކާ ޕަދްކޯންއާ އެކު ހަދަން ނިންމާފައިވާ، އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގްރަވާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ޗަޕާކް" ގެ ޝޫޓިން ފެށުމަށެވެ.
ހަރިންދަރު ބުނި ގޮތުގައި "ކޯލިން ސެހެމަތު" ދެވަނަ ބައިގެ މައިގަނޑު ވާހަކަ ބިނާ ކުރަނީ ސެހެމަތު އެނބުރި އިންޑިއާ އަށް ދާ ފަހުން އޭނާ އަށް ކުރިމަތިވާ ޑިޕްރެޝަނުގެ މައްސަލަތަކާއި އޭނާގެ ދަރިފުޅާ ދެމެދު އޮންނަ ގުޅުމާއި ސެހެމަތުގެ އެކަހެރި ދިރިއުޅުމުގެ ވާހަކަ އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސް ކުރި "ރާޒީ" ގައި އާލިއާ އެކު ބަތަލުގެ ރޯލް ކުޅުނީ ވިކީ ކޯޝަލް އެވެ.
ގާތްގަނޑަކަށް 40 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 194.06 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
އާލިއާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "ގަލީ ބޯއި" އިންނެވެ.