15 ޖެނުއަރީ 2019 - 10:04

އެކްޓަރު އިމްރާން ހާޝިމީގެ ދަރިފުޅު އަޔާން ހާޝިމީ އަށް ކެންސަރު ޖެހުނުކަން އިއުލާން ކުރީ 2014 ޖެ ޖެނުއަރީ މަހު އެވެ. އުމުރުން ހަތަރު އަހަރުގައި ކެންސަރުގެ ފުރަތަމަ ސްޓޭޖާ އެކު، ކުޑަ ދަރިފުޅުގެ ފަރުވާ ފަށައި، އޭގެ ފަސް އަހަރު ފަހުން އަޔާން މިހާރު ހުރީ ކެންސަރުން އެއްކޮށް ސަލާމަތްވެފަ އެވެ.
މި އުފާވެރި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އިމްރާން ބުނީ ދަރިފުޅު މިހާރު ހުރީ "ކެންސާ ފްރީ" ވެފައި ކަމަށެވެ. އެހެންވެ އޭނާ ވަނީ ދަރިފުޅަށް ހެޔޮދުއާކޮށްދިން އަދި ހިތްވަރު ދިން އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
އިމްރާން ބުނި ގޮތުގައި ކޮންމެ ކަމަކާ ވެސް ހިތްވަރާއި އުންމީދާ އެކު ކުރިމަތިލައިފި ނަމަ ކާމިޔާބު ވާނެ އެވެ.
އަލަތު ދަރިފުޅަށް ކެންސަރު ޖެހުނުކަން އެނގުނު ހިސާބަކީ އިމްރާނާއި އަންހެނުން ޕަރްވީން ޝަހާނީ އާއި މުޅި އާއިލާގެ ހިތް ވެސް ހަލާކުކޮށްލި ކަމެކެވެ.
އެކަމަކު އެ މީހުން ހިތްވަރެއް، އުންމީދެއް ކަނޑައެއް ނުލަ އެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޔާންގެ ފަރުވާ އިމްރާން ވަރަށް ހާއްސަ ސަމާލު ކަމެއް ދިނެވެ.
އަޔާން އަށް ކެންސަރު ޖެހުމުން ތަޖުރިބާކުރަން ޖެހުނު ކަންކަމާއި ފަރުވާ އަށް ކުރި މަސައްކަތުގެ ވާހަކަ އިމްރާން ވަނީ ލިޔުންތެރިޔާ ބިލާލް ސިއްދީގީއާ ގުޅިގެން ފޮތެއްގެ ގޮތުގައި ވެސް ގެނެސް ދީފަ އެވެ. ދެހާސް ސޯޅައިގައި ނެރުނު އެ ފޮތުގެ ނަމަކީ "ކިސް އޮފް ލައިފް" އެވެ.
ދަރިފުޅު ކެންސަރުން ސަލާމަތްވެ، އާއިލާ އަށް ބޮޑު އުފަލެއް ލިބިފައިވާ އިރު، އަންނަ ހުކުރު ދުވަހު އިމްރާންގެ އެންމެ ފަހުގެ ފިލްމު "ވާއި ޗީޓް އިންޑިއާ" ސިނަމާތަކަށް އަންނާނެ އެވެ. އޭނާ މިހާރު އަންނަނީ އެ ފިލްމު ޕްރޮމޯޓް ކުރަމުންނެވެ.