އެެއް ލޯ މަރައިލި ބަތަލާ "ސްރީދޭވީ"ގެ ގޮތުގައި ނިކުންނަނީ
އެެއް ލޯ މަރައިލި ބަތަލާ "ސްރީދޭވީ"ގެ ގޮތުގައި ނިކުންނަނީ

މިދިޔަ އަހަރު، އެއް ލޯ މަރައިލި ގޮތަކުން ބޮޑު މަޝްހޫރު ކަމެއް ލިބުނު އިންޑިއާގެ މަލަޔާޅަމް ބަތަލާ ޕްރިއާ ވާރިއާ ހިންދީ ފިލްމަކާ އެކު ބެލުންތެރިންނަށް އޭނާގެ ޖާދޫ ދައްކައިލަން ތައްޔާރުވެއްޖެ އެވެ. ފިލްމުގެ ނަމާއި އޭނާ އޭގައި ފެންނަ ކެރެކްޓާގެ ނަމުން މިއީ ވަރަށް ހާއްސަ ފިލްމަކަށް ވާނެ އެވެ.

"ސްރީދޭވީ" ކިޔާ ފިލްމީ ބަތަލާއެއްގެ ރޯލު، ޕްރިޔާ ކުޅޭ ފިލްމުގެ ނަމަކީ "ސްރީދޭވީ ބަންގްލާ" އެވެ.

މިއީ މިދިޔަ އަހަރު ކުއްލި ގޮތަކަށް މަރުވި ބަތަލާ ސްރީދޭވީގެ ހަޔާތާ ބެހޭ ފިލްމެއްކަން ކަށަވަރު ނުވި ނަމަވެސް، ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ އިން ފެންނަ ގޮތުގައި މި ފިލްމުގައި ކިޔައި ދޭނީ ވަރަށް ގްލެމަރަސް ކާމިޔާބު ބަތަލާއެއްގެ ވާހަކަ އެވެ. އެކަމަކު ޓްވިސްޓްތަކަކާ އެކުގަ އެވެ.

ކުޑަކުޑަ ފޭނަކަށް ލިޔެދޭ އޮޓޯގްރާފަކާ އެކު، "ސްރީދޭވީ ބަންގްލޯ" ގެ ޓީޒާ ވަރަށް އުފާވެރިކޮށް ފެށިގެން ދިޔަ ނަމަވެސް، ޓްރެއިލާ ނިންމައިލަނީ ބެލުންތެރިންގެ ހިތްތަކަށް ސުވާލެއް ދޫކޮށްލައިފަ އެވެ. އެ މަންޒަރުގައި ފެންނަނީ ބިލިގާއެއްގެ ތެރެއަށް ވެއްޓި، ޕްރިއާގެ ދެ ފައި ބިލިގާގެ ތެެރެއިން މައްޗަށް ހިއްލިފައިވާ ތަނެވެ.

އެހެންވެ ޝައްކުވާ އެ މަންޒަރު ސިފަކޮށް ދެނީ ބަތަލާ ސްރީދޭވީ މަރުވި ހާދިސާ ކަމަށް ބެލެވެ އެވެ. ދުބާއީގެ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި ސްރީދޭވީ މަރުވެފައި އޮއްވައި ފެނުނީ ބިލިގާއެއްގެ ތެރެއިންނެވެ. އަދި އޭނާގެ އޮޓޮޕްސީ ރިޕޯޓް ބުނާ ގޮތުން، މަރުވީ މަސްތުވެގެން ބިލިގާ ތެރޭގައި އޮއްވައި ގެނބިގެންނެވެ.

"ސްރީދޭވީ ބަންގްލާ" ގެ ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ މަލަޔާޅަމް ޑައިރެކްޓަރު ޕްރަސާންތު މަމްބަލީ އެވެ. އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ ފިލްމުގެ މައިގަނޑު ކާސްޓުން ފެނިގެން ދާނީ ހިންދީ އޯޑިއަންސަށް އެހާ ރައްޓެހި ނޫން މޫނުތަކެވެ.

އެކަމަކު އެއްވެސް މީހަކަށް މިހާރު ޕްރިޔާ އަލެއް ނުވާނެ އެވެ. އޭނާ މެރި ލޮލުގެ ޖާދުލުގައި ޖެހުނު މީހުންނަށް "ސްރީދޭވީ ބަންގްލާ" ވަކިން ހާއްސަ ވާނެ އެވެ. ފިލްމި ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ.