22 އޯގަސްޓް 2016 - 09:08

މެޑްރިޑް (އޮގަސްޓް 22) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު މެޗުން 3-0 އިން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވިއިރު، އަލަށް ޕްރޮމޯޓްވި އަލަވޭސް އާއި އެތުލެޓިކޯ މެޑްރިޑް 1-1 އިން އެއްވަރުވެއްޖެ އެވެ.
ރަށުން ބޭރުގައި ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކަ މޮޑްރިޗް، ކަރިމް ބެންޒެމާ، ޕެޕޭ އަދި ކޭލޯ ނަވާސް ނުކުޅެ އެވެ. ކުޅުން ފެށިތާ 72 ސިކުންތު ތެރޭގައި ރެއާލަށް ލީޑު ނަގައިދިނީ ގަރެތު ބޭލް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލަށް ލީޑުފުޅާކޮށްދިނީ އަސެންސިއޯ އެވެ.
މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ ވެސް ބޭލް އެވެ. މި މެޗުގައި ސޮސިއެޑާޑަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އެތުލެޓިކޯ އަށް އަލަވޭސް ކޮޅަށް ލަނޑު ޖެހުނީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ފަހަރުގެ ޓްރާންސްފާގައި ސެވިއްޔާ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވި ފްރާންސްގެ ފޯވާޑް ކެވިން ގަމޭރޯ އެވެ. މި ޕެނަލްޓީ އަކީ އަލަވޭސްގެ އޭރިއާ ތެރެއިން އެ ޓީމުގެ ވިކްޓަ ލަގުއާޑިއާ އެތުލެޓިކޯގެ ފެނާންޑޯ ޓޮރޭޒް އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އެތުލެޓިކޯ ލަނޑު ޖެހިތާ މިނިޓެއްގެ ތެރޭގައި އަލަވޭސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަނޫ ގާސިއާ އެވެ. މިއީ ގޯލާ ސީދާކޮށް އަލަވޭސް އިން މި މެޗުގައި ޖެހި ފުރަތަމަ ޝޮޓެވެ.